ބްރޯޑްކާސްޓިން ކޮމިޝަނުން ފާސްކޮށްދީފައިވާ ގޮތާ ހިލާފަށް، ޕެކޭޖަކަށް ބަދަލު ގެނެސްގެން ދޫކޮށްފައި ވާތީ ކޭބަލް ޓީވީގެ ހިދުމަތްދޭ މީޑިއާނެޓު 52،000 ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.
ބްރޯޑްކޮމް އިން އެ ކުންފުނި ޖޫރިމަނާކޮށް ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މީޑިއާނެޓު ޖޫރިމަނާކުރީ އެ ކުންފުންޏަށް ފާސްކޮށްދީފައިވާ "ހިޓްސް" ޕެކޭޖާއި މީޑިއާ ނެޓުން ދޭ ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތުގައި ހިމަނާފައިވާ "ހިޓްސް" ޕެކޭޖުގެ ޗެނަލްތަކުގައި ތަފާތުތަކެއް ހުރުމުން ކަމަށެވެ. މީޑީއާ ނެޓް ހިޓްސް ދޫކުރަނީ އަތޮޅު ތެރެއަށެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ އެއްވެސް އެންގުމަކައި ނުލާ "މީޑިއާ ނެޓް ހިޓްސް ޕެކޭޖް" ގައި ހިމެނޭ އަސާސީ ޕެކޭޖަށް ތިން ފަހަރެއްގެ މަތިން އުނިއިތުރު ގެނެސްފައިވާ ކަމަށެވެ. އެހެންވެ އުނިއިތުރު ގެނައި ކޮންމެ ފަހަރަކަށް 2،000 ރުފިޔާގެ މަގުން ތިން ފަހަރު ޖޫރިމަނާ ކޮށްފައިވެ އެވެ.
އެ ކުންފުނިން ރީބްރޯޑްކާސްޓްކުރުމުގެ ހައްގު ލިބިފައިނުވާ 23 ޗެނަލް ހިމަނައިގެން "މީޑީއާ ނެޓް ހިޓްސް ޕެކޭޖް" ގެ ހިދުމަތް ދީފައިވާ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ. ރީބްރޯޑްކާސްޓްކުރުމުގެ ހައްގު ނުހޯދައި ދައްކާފައިވާ ކޮންމެ ޗެނަލަކަށް 2،000 ރުފިޔާގެ މަގުން 23 ޗެނަލަށް، ޖުމްލަ 46،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
މި ފައިސާ ދައްކަން މީޑިއާ ނެޓަށް ދީފައިވަނީ 30 ދުވަހުގެ މުއްދަތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް