ފިހާރަތަކާއި ހޮޓާ ކެފޭތައް ހުޅުވިފައި ހުންނަ ގަޑިތަކުގެ އިތުރުން މާލޭ މަގުމަތީގައި މުދާ އުފުލާ ގަޑިތައް ކުރިއެކޭ އެއްގޮތަށް ބަދަލު ކޮށްފި އެވެ.
އެކަންކަން ކުރުމުގެ ވަގުތުތަކަށް ބަދަލު ގެނައީ ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހުގެ ނިޔަލަށެވެ. އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނީ މާދަމާއިން ފެށިގެން ފިހާރަތަކާއި ކެފޭ ހޮޓާތައް ހުޅުވިފައި ހުންނަ ގަޑިތަކާއި މުދާ އުފުލާ ގަޑިތަކުގެ ގޮތުގައި އަމަލު ކުރަންވާނީ ރޯދައިގެ ކުރިން އަމަލު ކުރަމުން އައި ގޮތަށް ކަމަށެވެ.
ރޯދަ މަހުގައި ފިހާރަތައް ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދީފައިވަނީ ރޭގަނޑު 11 ޖަހަން ދެންނެވެ. ކެފޭ އަދި ހޮޓާތައް ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ރޯދަ މަހު ދީފައިވަނީ މެންދަމު ތިނެއް ޖަހަންދެންނެވެ.
ރޯދަ މަހު މުދާ އުފުލަން ހުއްދަ ދީފައި އޮތީ ހަވީރު 6:00 އިން ފެށިގެން ހެނދުނު 8:00 އަށަކަށެވެ. އޭގެ އިތުރުން ހެނދުނު 10:00 އިން ފެށިގެން މެންދުރު ފަހު 3:00 އަކަށް ފެނާއި ކައްކާ ގޭސް އަދި 350 ކިލޯއަށް ވުރެ ލުއި މުދާ އުފުލޭ ގޮތަށެވެ. އަދި މެންދުރު ފަހު 3:00 އިން ފެށިގެން ހަވީރު 6:00 އާއި ދެމެދު އެއްވެސް ބާވަތެއްގެ މުދަލެއް އުފުލުން ރޯދަ މަހު އޮތީ މަނާކޮށްފަ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މާދަމާއިން ފެށިގެން ރޭގަނޑު 10:00 ގައި ފިހާރަތައް ބަންދުކޮށް ކެފޭ ހޮޓާތައް މެންދަމު 1:00 ގައި ބަންދު ކުރަން ޖެހޭނެ ކަމަށެވެ. އަދި މާލޭ މަގުމަތީގައި މުދާ އުފުލޭނީ ހަވީރު 6:00 ން ހެނދުނު 8:00 އަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް