މައުމޫން ފައުންޑޭޝަންގެ ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކޮށްފި އެވެ.
މުއްދަތު އިތުރު ކޮށްފައިވަނީ މި މަހުގެ 24 ވާ އާދިއްތަ ދުވަހާއި ހަމައަށެވެ. ކުރިން އޮތީ މިއަދު މުއްދަތު ހަމަވާ ގޮތަށެވެ.
އެ ފައުންޑޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސްކޮލަރޝިޕްތަކަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު އަންނަ އާދިއްތަ ދުވަހުގެ މެންދުރުފަހު 03:00 އާއި ހަމައަށް އޮންނާނެ ކަމަށެވެ.
މިއަހަރު ހުޅުވާލާފައިވަނީ ކޯސް ފީގެ އެއްބައި ދައްކައިދޭ ސްކޮލާޝިޕް ތަކެކެވެ. އެއީ އިންޑިއާގެ، ބެންގަލޫރު، ގާޑަން ސިޓީ ޔުނިވާސިޓީގެ ކޯސްތަކެކެވެ.
އެ ފައުންޑޭޝަނުން ވަނީ ދިހަ ކޯހަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި އެވެ. ފުރުސަތު ހުޅުވާލާފައިވާ ކޯސްތަކަކީ ބެޗްލާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އާއި ބެޗްލާ އޮފް ކޮމްޕިއުޓާ އެޕްލިކޭޝަންގެ އިތުރުން ބެޗްލާ އިން ބަޔޯޓެކްނޮޖޮލީ އާއި ބަޔޯކެމިސްޓްރީ އާއި ޖެނެޓިކްސްގެ އިތުރުން ބެޗްލާ އޮފް ފިޒިއަތެރޮޕީ އާއި މާސްޓާ އޮފް ޓޫރިޒަމް އެންޑް ޓްރެވަލް މެނޭޖްމަންޓެވެ.
މިހާރުވެސް އެ ޔުނިވާސިޓީގައި އެ ފައުންޑޭޝަންގެ ހަރަދުގައި މަތީ ތައުލީމަށް ދަރިވަރުންތަކެއް ދަނީ ކިޔަވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް