މިއަހަރުގެ މިސް އިންޑިއާގެ ލަގަބު ޓަމިލް ނާޑޫ ސްޓޭޓަށް ނިސްބަތްވާ އަނުކްރީތީ ވަން އަށް ލިބިއްޖެ އެވެ.
މި މުބާރާތުގައި ބައިވެރިން ތަމްސީލް ކުރަނީ އެ ބައިވެރިއަކު ނިސްބަތްވާ ސްޓޭޓެވެ. މި މުބާރާތުން ދެވަނައަށް ދިޔައީ ހަރިޔާނާއަށް ނިސްބަތްވާ މިނާކްޝީ ޗައުދްރީއެވެ. ތިން ވަނައަށް ދިޔައީ އަންދްރަ ޕްރަދޭޝްއަށް ނިސްބަތްވާ ޝްރެއާ ރާއޯ އެވެ.
އުމުރުން 19 އަހަރުގެ އަނުކްރީތީ އަކީ އަދި ކޮލެޖުގައި ކިޔަވަމުން ދާ ދަރިވަރެކެވެ. އޭނާ މިސް އިންޑިއާ ކާމިޔާބު ކުރީ 29 ބައިވެރިންނާއި ވާދަކޮށްގެންނެވެ.
މި މުބާރާތް ކާމިޔާބު ކުރުމަށް ފަހު އަނުކްރީތީ ދެން ތައްޔާރުވާނީ މިއަހަރުގެ މިސް ވޯލްޑުގައި އިންޑިއާ ތަމްސީލް ކުރުމަށެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު އަށެއްގައި ޗައިނާގައި އެވެ.
މިއަހަރު މި މުބާރާތުގައި ޖަޖުންގެ ގޮތުގައި ތިބީ ބޮބީ ޑިއޯލް، މަލައިކާ އަރޯރާ، ކުނާލް ކަޕޫރު، އިރުފާން ޕަތަން އަދި ކޭއެލް ރާހުލް އެވެ. މި މުބާރާތުގައި ޖަޖުންގެ ސަމާލުކަން ހޯދުމަށް އަނުކްރިތީ ފެށުނީންސުރެ ބޭނުން ކުރަމުންދިޔައީ އެއް ބަހެކެވެ. އެއީ "މާދަމާއަށް ތައްޔާރުވުމަށް އެންމެ ރަނގަޅަށް ކުރެވޭނެ ކަމަކީ މިއަދު ހުރިހާ ކަމެއް ރަނގަޅަށް ކުރުން ކަމަށެވެ. އެހެންވީމަ މިއަދު ކުރާ ކޮންމެ ކަމެއް އެންމެ ރަނގަޅަށް ކުރޭ" އެވެ.
ޓައިމްސް ގްރޫޕުން އިންތިޒާމު ކުރާ މިސް އިންޑިއާ މުބާރާތް ބާއްވަން ފެށީ 1947 ވަނަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް