ވޯޓާސް ލިސްޓު ސައްހަ ކަމަކަށް ގަބޫލެއް ނުކުރަން: އެމްޑީޕީ

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު ބަލައި ނުގަންނަ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ. އެޕާޓީން ރޭ ނެރުނު ބަޔާނެ...

21 Jun 2018 | 04:23

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު ބަލައި ނުގަންނަ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.

އެޕާޓީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ލިސްޓުގައި އައިޑީކާޑު ނަންބަރު ނެތުމުން މީހުންގެ އައިޑީ ކާޑު ނަންބަރު އެލިސްޓުގައި ހިމަނާފައިވަނީ ރަނގަޅަށްތޯއާއި، އެމީހުންގެ ނަމާއި އައިޑީ ކާޑު ނަންބަރު ދިމާވޭތޯއާއި، އެމީހުންގެ ނަން އެލިސްޓުގައި ލިޔެފައިވަނީ އައިޑީ ކާޑުގައި ލިޔެފައިވާ ގޮތަށްކަން ކަށަވަރުކުރެވޭކަށް  ނެތް ކަމަށެވެ. އެމްޑީޕީން ބުނީ އެ ލިސްޓަކީ ސައްހަ ލިސްޓެއް ކަމަށް އެ ޕާޓީން ބަލައި ނުގަންނަނީ މި ކަންކަމާއި ގުޅިގެން ކަމަށެވެ.

އަދި އެ ކަންކަމަކީ ވޯޓުލާ މީހާ ވޯޓުލުމަށްޓަކައި ސައްހަ ކުރަންޖެހޭ ކަންކަންކަމުގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ކަންކަމަށެވެ.

އެމްޑީޕީން ފާހަގަކޮށްފައިމިވާ މައްސަލައަކީ މީގެ ކުރިންވެސް އެ ޕާޓީން ފާހަގަކޮށްފައިވާ މައްސަލައެކެވެ. މި މައްސަލައިގަ އީސީން ބުނެފައިވަނީ އާންމުކޮށްފައި އެވަނީ ދާއިމީ ވޯޓާސް ލިސްޓު ނޫން ކަމަށާއި ޝަކުވާތައް ހައްލު ކުރުމަށް ފަހު ދާއިމީ ވޯޓާސް ލިސްޓު އާންމު ކުރާނީ އައިޑީ ކާޑު ނަމްބަރާއި އެކު ކަމަށެވެ.

ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ރޭ ހަމަވިއިރު އެމްޑީޕީން އެކަނި ވަނީ އިއްޔެ ހަވީރުގެ ނިޔަލަށް 861 ޝަކުވާ ލިސްޓަށް ހުށަހަޅާފައި އެވެ. އޭގެ ތެރޭގައި އުމުރުން 18 އަހަރު ނުފުރޭ މީހުންގެ ނަން ވޯޓާސް ލިސްޓުގައި ހިމަނާވާތީ 711 ޝަކުވާ، މަރުވެފައި ތިބި 108 މީހުންގެ ނަން ލިސްޓުގައި ހިމެނޭއިރު 38 މީހެއްގެ ނަން ލިސްޓުގައި ތަކުރާރުކޮށް، ތިން މީހެއްގެ އެޑްރެސް ދިމާނުވާ ކަމަށް ބުނެ ޝަކުވާ ހުށަހެޅި އެވެ.

އިލެކްޝަންސުން އާއްމުކޮށްފައިވާ ވޯޓާސް ލިސްޓުގައިވާ ގޮތުން، ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބުގައި 263،000 މީހުންނަށް ވޯޓު ލިބުމުގެ ހައްގު ލިބިގެންވެ އެވެ. ރިޔާސީ އިންތިހާޞު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ،

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް