ކޮސްޓާގެ ލަނޑާއެކު އިރާންގެ މައްޗަށް ސްޕެއިން އަށް ހަނި މޮޅެއް

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ބީ ގައި މިރޭ ސްޕެއިން އާއި އިރާން ބައްދަލުކުރި މެޗު 1-0 ން ސްޕެއިން ކާމިޔާބު ކޮށްފިއެވެ. މި މެޗުގައި ފެނުނު ހަމައެކަނި ލަނޑު ސްޕެއިންއަށް ޖަހައިދިނީ އެތުލެޓިކޯ މެޑްރިޑްގެ ފޯވ...

20 Jun 2018 | 20:20

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ބީ ގައި މިރޭ ސްޕެއިން އާއި އިރާން ބައްދަލުކުރި މެޗު 1-0 ން ސްޕެއިން ކާމިޔާބު ކޮށްފިއެވެ. މި މެޗުގައި ފެނުނު ހަމައެކަނި ލަނޑު ސްޕެއިންއަށް ޖަހައިދިނީ އެތުލެޓިކޯ މެޑްރިޑްގެ ފޯވާޑް ޑިއޭގޯ ކޮސްޓާއެވެ.

މި މޮޅާއެކު ސްޕެއިން އާއި ޕޯޗުގަލްއަށް ވެސް މިހާރު 4 ޕޮއިންޓް ލިބިފައިވާއިރު، އިރާން ވަނީ ތާވަލުގެ 3 ވަނައަށް ވެއްޓިފައެވެ. އިރާންއަށް ވަނީ މޮރޮކޯގެ މައްޗަށް ހޯދި މޮޅާއެކު 3 ޕޮއިންޓް ލިބިފައެވެ. މި ގްރޫޕްގެ ފުލުގައި އޮތް މޮރޮކޯއަށް ޕޮއިންޓެއް ލިބިފައި ނުވާއިރު، އެ ޓީމު ވަނީ މުބާރާތުން ކަޓާފައެވެ.

ގްރޫޕް ބީ ގައި މިރޭ ސްޕެއިން އާއި ޕޯޗުގަލް ވެސް ކުޅުނު މެޗުތައް ކާމިޔާބު ކުރިއިރު، މި ގްރޫޕުން ދެ ވަނަ ބުރަށް ދާނެ 2 ޓީމެއް ކަށަވަރު ވާނީ އަންނަ ހޯމަ ދުވަހުގެ ރޭ ކުޅޭ މެޗުތަކުންނެވެ. އިރާން އިން ދެ ވަނަ ބުރަށް ދާން ބޭނުންވާނަމަ، ޕޯޗުގަލްގެ މައްޗަށް ކުރި ހޯދުން މުހިންމު ވާނެއެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ސްޕެއިން މުޅި ގޭމް ކޮންޓްރޯލްކޮށްގެން، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނުއިރު، އިރާންގެ ފަރާތުން ފެނިގެން ދިޔައީ ހުރިހާ ކުޅުންތެރިން ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ޑިފެންސް ކުރަމުން ދިޔަ މަންޒަރެވެ. ނަތީޖާއެއްގެ ގޮތުން އިރާންގެ ޑިފެންސް ލައިން ފޫއަޅުވާލަން ސްޕެއިން އިން ކުރި މަސައްކަތް މި ހާފުގައި ކާމިޔާބު ވާގޮތެއް ނުވިއެވެ.

ދެ ވަނަ ހާފުގައި ވެސް ސްޕެއިން އިން މުޅި ޓީމު އެއްކޮށް ކުރިއަށް ޖެހިގެން ކުޅެން ފެށިއިރު، އެ ޓީމަށް ލީޑު ލިބުނީ މެޗުގެ 53 ވަނަ މިނިޓުގައެވެ. އިރާންގެ އޭރިޔާ ތެރެއިން ކޮސްޓާއަށް ލިބުނު ބޯޅަ އޭނާ ފޮނުވާލަން އުޅެނިކޮށް، އިރާންގެ ޑިފެންޑަރ ރަމީން ރެޒެއިން ސާފުކޮށްލަން ޖެހުމުން ކޮސްޓާގެ ފައިގާ ޖެހި އަމާޒުވީ އިރާންގެ ގޯލުގެ ކަނާތް ފަރާތު ތިރީ ކަނަށެވެ.

ސްޕެއިން އިން ލަނޑު ޖެހިތާ 8 މިނިޓު ފަހުން އިރާނުން ލަނޑެއް ޖަހައި އުފާފާޅު ކުރިނަމަވެސް، ވީއޭއާރް ރިވިޔުއަށް ފަހު ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

ސްޕެއިންގެ ލަނޑަށް ފަހު އިރާންއިން ކުރިއަށް ޖެހި ނަތީޖާ ހަމަހަމަކޮށްލުމަށް މަސައްކަތް ކުރިއިރު، އެ ޓީމަށް ރަނގަޅު ފުރުސަތުތަކެއް ވެސް ލިބުނެވެ. އެހެނަސް، ލަނޑެއް ޖެހޭ ގޮތެއް ނުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް