ނ. މަނަދޫއިން ކޯވިޑް-19 އަށް ފުރަތަމަ ޕޮސިޓިވްވި މީހާ އެހެން ބައްޔަކަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވެއްޖެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ އެތެރެހަށީގެ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ އެ މީހާ ބަލިން ރަނގަޅުވި ކަމަށް މީގެ ދެ ދުވަސްވަރު ކުރިން ނިންމާފައިވާ ކަމަށެވެ. އެއީ ދެ ފަހަރު ޓެސްޓުކޮށް ކޯވިޑަށް ނެގެޓިވްވުމުން ކަމަށް ވިދާޅުވި އެވެ.
ޑރ. މުރާދު ވިދާޅުވީ ޕޮސިޓިވް ވެގެން އެމީހާއަށް ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތް އިރުވެސް ފަރުވާ ދީފައިވަނީ އެމީހާގެ ގައިގަ ހުރި އެހެން ބަލިތަކަކަށް ކަމަށެވެ. އަދި އޭރުވެސް ކޯވިޑްގެ އެއްވެސް އަލާމާތެއް ނުވަތަ ނުވަތަ އުނދަގުލެއްވެސް ވެފައި ނުވާކަމަށެވެ.
އެމީހާ ކޯވިޑުން ރަނގަޅުވުމުންވެސް އިިތުރު ބައްޔަކަށް ފަރުވާ ހޯދަމުން ދިޔަކަމަށާއި މަރުވީ އެ ބަލީގައި ކަމަށް ވިދާޅުވި އެވެ. އެކަމަކު ސީދާ އެއީ ކޮން ބައްޔެއް ކަމެއް ވިދާޅެއް ނުވެ އެވެ.
އެމީހާ މާލެ ގެނައީ ބަނޑުގައި ރިއްސާތީ އިތުރު ފަރުވާ ބޭނުން ވެގެންނެނެވެ. ބައްޔަށް ޕޮސިޓިވްކަން އެނގުނީ އައިޖީއެމްއެޗްގައި އެޑްމިޓް ކުރާ މީހުން ވައިރަސް އަށް ޓެސްޓު ކުރާ އުސޫލުން ޓެސްޓު ކުރުމުންނެވެ.
އެމީހާ ވަރަށް އަވަހަށް ކޯވިޑުން ރަނގަޅުވި އިރު ނަތީޖާ ޔަގީން ކުރަން ތިން ފަހަރު ޓެސްޓު ހަދަން ޖެހުނެވެ. އެއީ ކޯވިޑް ހުރިތޯ ބަލަން ހެދި ދެވަނަ ޓެސްޓު ނެގެޓިވް ވުމުންނެވެ.
އެމީހާ އާއި ގުޅުން ހުރި އިތުރު ނުވަ މީހަކު މިހާތަނަށް މަނަދޫއިން ޕޮސިޓިވްވެފައިވެ އެވެ. އެޗްޕީއޭއިން ބުނީ އެ އެންމެންނަކީ އެމީހާ ޕޮސިޓިވްވުމުން ގުޅުން ހުރި މީހުންނަށްވާތީ އައިސޮލޭޝަންގައި ބައިތިއްބާފައި ތިބި މީހުން ކަމަށެވެ.
އެހެން ކަމުން މަނަދޫގައި އިތުރަށް ބަލި ފެތުރިދާނެ ކަމަށް ނުބެލެވޭ ކަމަށެވެ. އެކަމަކު މިހާތަނަށްވެސް އެ މިހާ އަށް ބަލި ޖެހުނުގޮތް ނުވަތަ މަނަދޫއަށް ބަލި ދިޔަގޮތް ހޯދިފައި ނުވާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް