މާލޭގެ ލޮކްޑައުންގައި ޖޫރިމަނާ ކުރި މީހުންގެ އަދަދު 4،000 އިން މަތީގައި

މާލޭ ސިޓީގެ ލޮކްޑައުން އާއި ގުޅިގެން މިހާތަނަށް 4،000 އަށް ވުރެ ގިނަ މީހުން ޖޫރިމަނާ ކޮށްފި އެވެ. ފުލުހުން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި އިއްޔެ ނިޔަލަށް މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމ...

21 May 2020 | 02:50

މާލޭ ސިޓީގެ ލޮކްޑައުން އާއި ގުޅިގެން މިހާތަނަށް 4،000 އަށް ވުރެ ގިނަ މީހުން ޖޫރިމަނާ ކޮށްފި އެވެ.

ފުލުހުން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި އިއްޔެ ނިޔަލަށް މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭ ގޮތަށް 4،631 މީހަކު ޖޫރިމަނާކޮށްފައިވެ އެވެ. އޭގެ ތެރެއިން 4،002 މީހުންނަކީ މާލެއިން ޖޫރިމަނާ ކޮށްފައިވާ މީހުންނެވެ. ވިލިމާލެއިން މިހާތަނަށް 98 މީހަކު ޖޫރިމަނާކޮށްފައިވާއިރު ހުޅުމާލެއިން މިހާތަނަށް ޖޫރިމަނާކޮށްފައިވަނީ 531 މީހެކެވެ.

އިއްޔެ އެކަނި ހިސާބު ތައް ދައްކާގޮތުން މާލެއިން 131 މީހަކު ޖޫރިމަނާކޮށްފައިވެ އެވެ. ވިލިމާލެއިން އެއްވެސް މީހަކު ޖޫރިމަނާކޮށްފައި ނުވާއިރު ހުޅުމާލެއިން 15 މީހަކު ޖޫރިމަނާކޮށްފައިވެ އެވެ.

ލޮކްޑައުން އަމުރާ ހިލާފުވާ ފަރާތްތަކުން ފުރަތަމަ ކުރަނީ 1،000 ރުފިޔާއިން ޖޫރިމަނާ އެވެ. އޭގެ ފަހުގައި އެކަން ތަކުރާރުކޮށްފި ނަމަ ހައްޔަރު ކުރެ އެވެ.

މިހާތަނަށް ހައްޔަރުކޮށްފައިވާ މީހުންގެ އަދަދަށް ބަލާއިރު 249 މީހަކު ވަނީ ހައްޔަރުކޮށްފައި އެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެއިން ހައްޔަރު ކުރި 226 މީހަކާއި ހުޅުމާލެއިން ހައްޔަރު ކުރި 20 މީހަކާއި ވިލިމާލެއިން ހައްޔަރު ކުރި ތިން މީހެކެވެ.

މާލޭ ލޮކްޑައުންގައި އޮންނަތާ މިހާރު މަހަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު އިތުރުކޮށްފައިވާ ލޮކްޑައުންގެ މުއްދަތު ހަމަވާނީ މިމަހުގެ28 ވަނަ ދުވަހު އެވެ. އެ ދުވަހަށް ފަހު ލުއިތަކެއް ދޭން ނިންމާފައިވާކަން ރޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިއުލާނު ކުރައްވާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް