ލ. ގަމުގައި ގާއިމްކޮށްފައިވާ ޒޯން ސްޓޭޑިއަމް ހިމެނޭ ސަރަހައްދު ސާފުކޮށް އެ ސަރަހައްދުގައި ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން އެ އަތޮޅު ކައުންސިލުން އިއުލާނު ކޮށްފިއެވެ.
އެ އަތޮޅު ކައުންސިލުން މިއަދުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ލ. ގަމުގައި ހަދާފައިވާ ސްޓޭޑިއަމްގެ ބިން ސާފުކުރުމާއި އެތަނުގެ ސެކިއުރިޓީ 3 ( ތިނެއް ) މަސްދުވަހަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ.
"މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 މެއި 29 ވަނަ ދުވަހުގެ 11:00 ށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 ޖޫން 13 ވަނަ ދުވަހުގެ 13:00 ށް އަންދާސީ ހިސާބު ހިއްޕަވައިގެން މިއިދާރާއަށް ވަޑައިގެންދެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ." އެ ކައުންސިލްގެ އިއުލާނުގައި ވެއެވެ.
މި ސްޓޭޑިއަމަކީ 2014ގެ ސުނާމީ ކާރިސާގެ އެހީގެ ދަށުން ފްރެންޗް ރެޑްކްރޮސް އިން ގަމުގައި ގާއިމްކޮށްފައިވާ ސްޓޭޑިއަމެކެވެ. މި ސްޓޭޑިއަމް މި ހުރިހާ ދުވަހު ބޭނުން ނުކޮށް އޮތީ ފަޅުތަނެއްގެ ގޮތުގައެވެ. ސްޓޭޑިއަމް ހުރި ސަރަހައްދު ބޯ ޖަންގައްޔަށްވެފައިވާއިރު ސްޓޭޑިއަމްގައި ހެދި ފާހާނާތަކާއި ޗޭންޖިން ރޫމުތަކުން ވައްކަންކޮށް ތަކެތި ގެންގޮސް ހުސްކޮށްފައިވާއިރު ނިމިދިޔަ ސަރުކާރުން އެ ތަނަށް އެއްވެސް ސަމާލުކަމެއް ދީފައެއް ނުވެއެވެ.
ނަމަވެސް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މި އަހަރުގެ ކުރީކޮޅު އެ ސްޓޭޑިއަމަށް ވަޑައިގެން ސްޓޭޑިއަމްގެ ކަންކަން ބައްލަވާލެއްވިއެވެ. ސްޓޭޑިއަމަށް ރައީސް ކުރެއްވި ޒިޔާރަތުގައި ޔޫތު މިނިސްޓަރު މަހްލޫފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް