ކުރުވާހަކަ: އޭނާ

ވަރަށް ދުރަށް ހިނގިއްޖެއެވެ. ދެފައި ވާޅުވެ މާނޭވާ ލެވެން ފަށައިފިއެވެ. އޭނާ ހުއްޓޭކަށް ނޫޅުނެވެ. މަޖީދީމަގު އެއްކޮޅުން އަނެއްކޮޅަށް ހިނގިއްޖެއެވެ. މިއަދު އަހަރެން އޭނާ ކުރާ ކަމެއް ބަލާނަމެވެ.... ތޮއްޖ...

21 May 2019 | 07:45

ވަރަށް ދުރަށް ހިނގިއްޖެއެވެ. ދެފައި ވާޅުވެ މާނޭވާ ލެވެން ފަށައިފިއެވެ. އޭނާ ހުއްޓޭކަށް ނޫޅުނެވެ. މަޖީދީމަގު އެއްކޮޅުން އަނެއްކޮޅަށް ހިނގިއްޖެއެވެ. މިއަދު އަހަރެން އޭނާ ކުރާ ކަމެއް ބަލާނަމެވެ....

ތޮއްޖެހި ބާރު ވެފައިވާ މާލެ މަގުމަތީ އަހަރެން ހިނގަމުން ދިޔައީ މީހުންނާއި އަދި ދުއްވާ އެއްޗެހިން ރެކެމުންނެވެ. ބޭރަށް ނިކުންނަން އަހަރެން އެންމެ ފޫހިވަނީ މިހެންވެއެވެ. ދުއްވާ އެއްޗެހީގެ އިތުރުން ހިނގާ މީހުންވެސް އެހާ ގިނައެވެ. އެންމެ އުނދަގޫ ވަނީ ހިނގާފައި ދާއިރު ފައިދޮށަށް ކުނިބުނި ވަދެ ހިނގަން އުނދަގޫ ވާތީއެވެ. ކޮންމެ މީހަކުވެސް ކޮންމެ އެއްޗެއް ވިޔަސް އެއްލައިލަނީ ޖެހުނު ތަނަކަށެވެ. އެހެންކަމުން އަހަރެން އަބަދުވެސް ބޭރަށް ނިކުންނަނީ ކޮންމެހެން މަޖުބޫރުވީމައެވެ.

މީހެއްގެ މޫނަށް ބެލުމެއްނެތި ފަޔަށް ހިނިއަރައިފައިވާ ފަދަ ގޮތަކަށް ތެޅެމުން ފޮޅެމުން އަހަރެން ހިނގަމުން ދިޔައީ އަވަސްވީ ގޮތަކަށް ގެއާ ހިސާބަށް ދިއުމަށެވެ. ނަމަވެސް އަހަރެންގެ މިސްރާބު ބަދަލުވީ ދެން ދިމާވި ވަރަށް ތަފާތު ކަމަކުންނެވެ.

ހިނގަމުން ދަނިކޮށް އަހަރެން ލައިގަތީ ޒުވާން އުމުރުގެ ފިރިހިނެއްގެ ގައިގައެވެ. އަހަރެން ޖެހުނީ އޭނާގެ ކޮނޑުގައި ކަމުން އޭނާގެ އަތުން ވާގި ދޫވެ މުށުގައި ހުރި ތަކެތި ތިރިއަށް ވެރުނެވެ. ޖެހުނު ގޮތަކުން އަހަރެންގެ އަތައްވެސް ތަދެއް އެރުމުގެ ސަބަބުން އަހަރެންނަށް ވެސް ކުޑަކޮށް މަޑު ޖައްސައިލެވުނެވެ. އަހަރެންނަށް ދެން ފެނުނީ އެ ޒުވާނާގެ އަތުން ވެރިފައި ހުރި ތަކެތި ހޮވަނިކޮށެވެ. އޭނާ ހޮވަމުން ދިޔައީ ކޭކު ހުސްކުރި ކޮތަޅަކާއި، ބޮއެފައިވާ ހުސް ދަޅަކާއި އަދިވެސް ކުނީގެ ބައެއް ތަކެއްޗެވެ. މިތަކެތި ބިންމަތިން ނެގުމަށްފަހު އޭނާ އެޅީ ލައިގެން ހުރި ޖިންސްގެ ޖީބަށެވެ. އަހަރެން އަޖައިބުވީ ދެނެވެ. މިއީ މުޅި ހަޔާތުގައި ވެސް މިފަދަ މަންޒަރެއް އަހަރެންގެ ލޮލަށް ފެނުނު ފުރަތަމަ ފަހަރެވެ. މިފަދަ ތަހުޒީބު ޒަމާނެއްގައި ޙާއްސަކޮށް ޒުވާނެއްގެ ފަރާތުން މިފަދަ އަމަލެއް ފެނުންމީ ވަރަށް އަޖައިބުކުރުވަނިވި ކަމެކެވެ. އެހިސާބުން އޭނާ އަހަރެންގެ ޝައުގުވެރިކަން ދަމައިގަތެވެ. އަބަދުވެސް ފެންނަނީ މީހުން ޖީބުން އެއްޗެހި ނަގައި މަގުމައްޗަށް އެއްލާލާތަނެވެ. ނަމަވެސް މަގުމަތިން ނަގާ ޖީބަށް ކުނިކޮޅު ލުމުން އަހަރެންނަށް ވީ މުޅިން އާ ކަމަކަށެވެ. ވީ ގޮތެއްވެސް ނޭންގުނެވެ. އަހަރެންނަށް އޭނާ ފަހަތުން ދެވެން ފެށުނެވެ.

އޭނާގެ ހިނގުން މަޑުކޮށްލީ އާޓީފިޝަލް ބީޗް ކައިރިއަށެވެ. ވަރަށް މަޑުމަޑުން ހުރެ ދެފަރާތް ބަލަން ފެށިއެވެ. އަހަރެންނަށް ނުބަޔެއް އުޅޭހެން ހީވާން ފެށިއެވެ. އޭނާ ކޮޅުކޮޅު ހޯދަން ފެށިއެވެ. އެއްޗެއް ނުވަތަ މީހަކު ފެނޭތޯ ކަމަށްވެސް ވެދާނެއެވެ. އޭނާ އުޅެމުން ދިޔައީ ވަގެއް ވައްކަން ކުރަން އުޅޭ ކަހަލަ ގޮތަކަށެވެ. އަނެއްކާ އޭނާ ޖީބަށް ލީ މަސްތުވާތެކެތި ހެއްޔެވެ. އޭނާ އުޅޭގޮތުން މިހާރު ވަރަށް ޝައްކުވާން ފަށައިފިއެވެ. ދެން އަހަރެންނަށް ފެނުނީ އޭނާ އާޓީފިޝަލް ބީޗް ތެރެއަށް ވެދެގެން ދިޔަ މަންޒަރެވެ. އަހަރެން އަނެއްކާވެސް އޭނާގެ ފަހަތުން ހިނގައިގަތީމެވެ. ހަވީރު ވަގުތު ކަމުން މީހުން ވަރަށް ގިނައެވެ. މީހުންތަކުގެ ތެރެއިން އޭނާ އަހަރެންނަށް ގެއްލުނެވެ. އަހަރެން މުޅިތާ އެނބުރެން ފެށީމެވެ. ނުބަޔެއް އުޅޭހެން ހީވަން ފެށުމުންނެވެ.

އެއްލި ކަޅިއަކުން އަހަރެންނަށް ފެނުނީ އޭނާ ރުކެއް ކައިރީ ހުރި ބޮޑު ކުނިއަޅާ އެއްޗެއްގެ މަތި ޖެހިތަނެވެ. އެއަށްފަހު އޭނާ އެތަނުން ދިޔައެވެ. އަހަރެން ދުވެފައި އޭނާ ލެއްޕި ކުނިއެތި ހުޅުވައިލީމެވެ. އޭގައި ހުރީ އޭނާ ޖީބަށް އެޅި ކުނިތަކެވެ. އަހަރެންނަށް ފުން ނޭވާއެއް ލެވުނެވެ. އަދި އޭނާ ދިޔަ ދިމާއަށް ބަލައިލުމަށްފަހު ހީލީމެވެ. (ނިމުނީ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް