މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑާއި މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ހިމެނޭގޮތަށް ކޮރަޕްޝަން އެކުލެވޭ ކަމަށް ބެލެވޭ އައު މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފިއެވެ.
މި މައްސަލައަކީ މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ކުރިއަށްގެންދިޔަ ބަރެސްދޫ ޕްރޮޖެކްޓުން އެކިފަރާތްތަކަށް ދޫކުރި ވިޔަފާރީ ޔުނިޓުތައް ބައްލަވައިގެން ފަރާތްތަކުން ޑިޕޮސިޓްގެ ގޮތުގައި ދެއްކި ފައިސާއިން އެކުންފުނީގެ އިސްފަރާތްތަކުން އުޞޫލާ ޚިލާފަށް ޚަރަދުކޮށްފައިވާ ކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައެކެވެ.
އޭސީސީން ބުނެފައިވަނީ މި މައްސަލަ އެ ކޮމިޝަނުން މިހާތަނަށް ބެލިބެލުމުން ގިނަ ފަރާތްތަކަކުން އެ ޕްރޮޖެކްޓާއި ގުޅިގެން ޑިޕޮސިޓް ފައިސާ މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑްއަށާއި އަދި މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ދައްކާފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ.
އެ ކޮމިޝަނުން ބަލަމުންދާ މައްސަލައާ ގުޅިގެން މި ޕްރޮޖެކްޓަށް ފައިސާ ދައްކާފައިވާ ފަރާތްތަކާ އަދި އެކަމާގުޅޭ ތިރީގައިވާ މަޢުލޫމާތު ބޭނުންވާކަމަށްވެސް ބުނެފައިވެއެވެ.
އެގޮތުން
- 1. ޑިޕޮސިޓް ފައިސާ ދައްކާފައިވާ ފަރާތުގެ ނަމާއި އެޑްރެސް / ކުންފުންޏެއްނަމަ ކުންފުނީގެ މާޢުލޫމާތު
- 2. ޑިޕޮސިޓް ފައިސާގެ ގޮތުގައި ދެއްކި އަދަދު
- 3. ޑިޕޮސިޓް ފައިސާ ދެއްކި ތާރީޙް
- 4. ޑިޕޮސިޓް ފައިސާދައްކާފައިވާ ގޮތް (ނަގުދު ފައިސާ/ ޗެކް)
- 5. ޑިޕޮސިޓް ފައިސާ ދެއްކިކަން އެގޭނެ އެއްވެސް ލިޔެކިޔުމެއްވާނަމަ އެ ލިޔެކިޔުމެއް
މި ޕްރޮޖެކްޓާ ގުޅިގެން މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑްއަށް ނުވަތަ މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް އެއްވެސް ފަރާތަކުން ޑިޕޮސިޓް ފައިސާ ދައްކާފައިވާނަމަ މަތީގައިވާ މަޢުލޫމާތު ހިމެނޭގޮތަށް 13 ޖޫން 2019ގެ 14:00ގެ ކުރިން އެ ކޮމިޝަނަށް ލިޔުމުން އަންގައިދެއްވުން އެދި ދަންނަވާކަމަށް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް