ޔޫކޭގައި ސްކޫލެއްގެ ދަރިވަރުން ކާރު ޕާކު ކުރާ ސަރަހައްދުގައި ނަމާދު ކުރުމުން އެ ސްކޫލު ހޫނުފެނަށް

އިނގިރޭސިވިލާތުގެ އިރުމަތީ އިލްފޯޑުގައި ހުންނަ ސްކޫލެއް ކަމުގައިވާ ލޮކްސްފޯޑް ސްކޫލުގައި ތައުލީމު ހާސިލު ކުރަމުން އަންނަ ދަރިވަރުން، އެ ސްކޫލުގެ ކާރު ޕާކު ކުރާ ސަރަހައްދުގައި ޖަމާއަތް ހަދައި ނަމާދުކުރ...

21 May 2019 | 00:57

އިނގިރޭސިވިލާތުގެ އިރުމަތީ އިލްފޯޑުގައި ހުންނަ ސްކޫލެއް ކަމުގައިވާ ލޮކްސްފޯޑް ސްކޫލުގައި ތައުލީމު ހާސިލު ކުރަމުން އަންނަ ދަރިވަރުން، އެ ސްކޫލުގެ ކާރު ޕާކު ކުރާ ސަރަހައްދުގައި ޖަމާއަތް ހަދައި ނަމާދުކުރާ މަންޒަރު ފެންނަ ފޮޓޯއެއް އާންމުވުމުން އެ ސްކޫލަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއިން ފެންނަނީ މެންދުރު ގަދަ އަވީގައި ކުދިންތަކެއް ޖަމާއަތް ހަދައިގެން ނަމާދުކުރާ މަންޒަރެވެ.

އެ ސްކޫލުގައި ގާތްގަނޑަކަށް ދެ ހާހަށްވުރެ ގިނަ މުސްލިމް ދަރިވަރުން ތައުލީމު ހާސިލު ކުރަމުން އަންނައިރު ނަމާދުކުރެވޭނެ ފަހި މާހައުލެއް ސްކޫލުގައި ގާއިމްކޮށްދޭން ޖެހޭނެ ކަމަށް ބުނެ މިހާރު ވަނީ ޕެޓިޝަނެއް ހަދާފައެވެ. އެ ޕެޓިޝަނުގައި 14 ހާހަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވާއިރު އެ ސްކޫލުގެ އާއްމު ގަވާއިދު އިސްލާހުކޮށް އެކަމަށް ހައްލެއް ގެނައުމަށް މަޝްވަރާ ކުރާނެ ކަމަށް އެ ސްކޫލުން މިހާރު ވަނީ ބުނެފައެވެ.

އެ ސްކޫލުން ބުނެފައިވަނީ ހުކުރު ނަމާދު ކުރެވޭނެ އިންތިޒާމް އެ ސްކޫލުގެ ތެރޭގައި މިހާރުވެސް ހަމަޖެހިފައިވާނެ ކަމަށާއި ބޭރުގައި ނަމާދުކުރަން އެ ދަރިވަރުން ގާތު ސްކޫލުން ނުބުނާ ކަމަށެވެ. އަދި މިސްކިތަށް ދިއުން މަނާ ނޫން ކަމުގައިވެސް ސްކޫލުން ބުނެފައިވެއެވެ.

ނަމަވެސް އެ ސްކޫލުން ހިނގާފައި ދިހަ ވަރަކަށް މިނެޓުން ދެވޭ މިސްކިތަކަށް ނަމާދަށް ދާން ގިނަ ފަހަރު ޓީޗަރުން ހުއްދަ ނުދޭ ކަމަށާއި ދިނަސް ދެނީ މަދު ވަގުތުކޮޅެއް ކަމުން މިސްކިތަށް ދިއުމަކީ އުނދަގޫ ކަމެއް ކަމުގައި ގިނަ ދަރިވަރުން ބުނެފައިވެއެވެ. އަދި މިސްކިތަށް ދިޔަސް ފުރިހަމަ ނަމާދެއް ނުކުރެވޭ ކަމަށާއި އަވަސްކޮށްލާފައި ނަމާދުކުރުން އެއީ ރަނގަޅު ގޮތެއް ނޫން ކަމުގައިވެސް އެ ދަރިވަރުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް