އަލުވީގެ އަގު ހެޔޮކުރަން އެސްޓީއޯ އިން މަސައްކަތް ފަށައިފި

ރޯދަ މަސް ފެށުމާއި އެކު އަލުވީގެ އަގު އަތް ނުފޯރާ ފަށަށް ގޮސްފައިވާތީ އަލުވި އަގު ހެޔޮކުރުމުގެ މަސައްކަތް އެސްޓީއޯއިން ފަށައިފި އެވެ. އެސްޓީއޯގެ އޮފިޝަލަކު މީޑިއާގައި ވިދާޅުވީ އަލުވީގެ އާ ޝިޕްމެންޓެއް...

21 May 2018 | 11:22

ރޯދަ މަސް ފެށުމާއި އެކު އަލުވީގެ އަގު އަތް ނުފޯރާ ފަށަށް ގޮސްފައިވާތީ އަލުވި އަގު ހެޔޮކުރުމުގެ މަސައްކަތް އެސްޓީއޯއިން ފަށައިފި އެވެ.

އެސްޓީއޯގެ އޮފިޝަލަކު މީޑިއާގައި ވިދާޅުވީ އަލުވީގެ އާ ޝިޕްމެންޓެއް ރޭ ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އަދި މާދަމާ އެ ޝިޕްމެންޓުން ގެނައި އަލުވި ބާޒާރަށް ނެރޭނެ ކަމަށެވެ.

މިއަހަރުގެ ރޯދަ މަހު އެސްޓީއޯއިން އަލުވި ވިއްކަން ހަމަޖެއްސި އަގުތަކަކީ ކިލޯއެއް ނުވަ ރުފިޔާއަށް، ބަސްތާއެއް 200 ރުފިޔާއަށް، އަދި 50 ބަސްތާއަށްވުރެ ގިނައިން ގަންނަ ނަމަ ބަސްތާއެއް 190 ރުފިޔާއަށެވެ. އެކަމަކު މާދަމާ އިން ފެށިގެން ވިއްކަން ފަށާ އާ ޝިޕްމެޓުގެ އަލުވި ވިއްކާނީ ބަސްތާއަކުން 10 ރުފިޔާވަރު ބޮޑުކޮށް ކަމަށެވެ.

މިގޮތަށް ހަމަޖައްސަން ނިންމީ އަލުވީގެ އަގު އިންޑިއާގައި ބޮޑުވެފައިވާތީ އެވެ.

ރޯދަ މަހުގެ ފަސް ދުވަސް ފާއިތުވެ ގޮސްފައި ވާއިރު މިހާތަނަށް އެސްޓީއޯއިން ވަނީ ދެ ޝިޕްމެންޓުގެ އަލުވި ރާއްޖެ އެތެރެކޮށްފައި އެވެ. އޮފިޝަލް ވިދާޅުވީ ރޭ ގެނައި ޝިޕްމެންޓު ކުރިޔަށް އޮތް 10 ދުވަހަށް ހިފަހައްޓާލެވެނޭނެ ކަމަށެވެ.

ރޯދަ މަސް ފެށުމުގެ ކުރިން އެސްޓީއޯއިން ބުނެފައިވަނީ ރާއްޖޭގެ ބާޒާރުގައި އަލުވި، ފިޔާ އަދި ބިސް އަގުހެޔޮކޮށް ރޯދަ މަސް ނިމެންދެން ލިބެން ހުންނާނެ އިންތިޒާމު އެ ކުންފުނިން ހަމަޖައްސާނެ ކަމަށެވެ. އަދި އެއްވެސް ދަތިކަމަކާއި ނުލާ އެ ބާވަތްތައް ލިބޭނެ ކަމަށެވެ.

އެކަމަކު މިހާރު ބާޒާރުގައި އަލުވި ކިލޯއެއްގެ އަގު އުޅެނީ 20 ރުފިޔާއަށްވުރެ މަތީގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް