ށ. ޅައިމަގުގައި ހަލުވިކަމާއި އެކު ޑެންގީ ހުން ފެތުރޭތީ މިއަދު ސްކޫލަށް ކިޔަވަން ދިޔައީ އެންމެ ކުއްޖެއް ކަމަށް އެ ރަށު ސްކޫލުން ބުނެފި އެވެ.
އެރަށު ސްކޫލަކީ 155 ދަރިވަރުން ތައުލީމު ހާސިލް ކުރާ ސްކޫލެކެވެ.
ޅައިމަގު ސްކޫލް މުަވައްޒަފަކު ވިދާޅުވީ އެ ރަށުގައި ޑެންގީ ފެތުރޭތާ ދެ މަސްވެފައިވާއިރު އަދިވެސް އެއްވެސް ވަރަކަށް ކޮންޓްރޯލްވެފައި ނުވާކަމަށެވެ. އަދި ސްކޫލަށްދާ އުމުރުފުރާގެ ގިނަ ކުދިންތަކަކަށް ޑެންގީ ޖެހުމުގެ އިތުރުން މިހާތަނަށް ސްކޫލް ކުދިންގެ ދެބައި ކުޅަ އެއްބަޔަކަށް ކަހަލަ ގޮތަކަށް ވައިރަލް ފީވާ ޖެހިގެން ފަރުވާ ހޯދާފައިވާ ކަމަށެވެ.
ޑެންގީ ކޮންޓްރޯލްނުވެ ފެތުރެމުންދާތީ ބެލެނިވެރިންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ސްކޫލް ބަންދު ކުރުމަށްވެސް ބެލެނިވެރިން ދަނީ އެދެމުންނެވެ. އެކަމަކު މިހާތަނަށް ސްކޫލް ބަންދު ކުރުމަށް ނިންމާފައި ނުވާ ކަމަށް އެ މުވައްޒަފު ވިދާޅުވި އެވެ.
އެރަށުން ސިއްހީ މަރުކަޒުން ބުނީ އެރަށުގައި އާދަޔާ ހިލާފަށް ޑެންގީ ހުން ފެތުރެމުންދާތީ އަތޮޅު ހޮސްޕިޓަލުގެ އިތުރު ޑޮކްޓަރެއްވެސް މިހާރު އެ ރަށުގައި އެބަހުންނެވި ކަމަށެވެ. އަދި ޅައިމަގުން ޑެންގީ އާއި ވައިރަލް ފީވާ ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރުމަށް އެޗްޕީއޭގެ ސީނިއާ ކޮމިއުނިޓީ ހެލްތް އޮފިސަރު އަހުމަދު ޝަރީފުވެސް ހުންނެވީ އެރަށުގައި އެވެ.
ޝަރީފު މީޑިއާގައި ވިދާޅުވީ މަދިރި ކޮންޓްރޯލް ކުރުމަށް ރަށުތެރެ ފޮގް ކުރުމާއި ހޭލުންތެރި ކުރުމުގެ މަސައްކަތް އަތޮޅު ހޮސްޕިޓަލާއި ޅައިމަގު ސިއްހީ މަރުކަޒު ގުޅިގެން ކުރަމުންދާ ކަމަށެވެ. އެކަމަކު ވިއްސާރަވުމުގެ ސަބަބުން ކޮންމެސް ވަރަކަށް މަސައްކަތަށް ހުރަސް އެޅެމުންދާ ކަމަށެވެ.
އާންމުކޮށް ކޮންމެ ދުވަހަކު ޅައިމަގުން 10 އާއި 15 އާއި ދެމެދުގެ އަދަދަކަށް ހުން އައިސްގެން ޑޮކްޓަރަށް ދައްކާކަމަށްވެ އެވެ.
އެޗްޕީއޭއިން ވަނީ މި ދުވަސްވަރަކީ ކޮންމެ އަހަރަކުވެސް ޑެންގީ އާއި ވައިރަލް ފީވާ ފެތުރޭތީ ސަމާލުވުމަށް އިލްތިމާސްކޮށްފައި އެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް