ހަލުވި ކަމާއި އެކު އަރިދަފުސް ރޯގާ އާއި ޑެންގީ އަދި ވައިރަލް ފީވާ ފެތުރެމުންދާތީ ކޮންމެހެން ދާންޖެހިގެން ނޫނީ ހޮސްޕިޓަލަށް ނުދިއުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެ އެޖެންސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޑޮކްޓަރަށް ދެއްކުމަށާއި މުހިންމު ބޭނުންތަކުގައި ނޫން ގޮތަކަށް މި ދުވަސްވަރު ހޮސްޕިޓަލްތަކަށް ނުދިއުމަށް އެދޭ ކަމަށެވެ. އެހެން މަސްމަހާއި އަޅާ ބަލާއިރު އިންފުލުއެންޒާގެ ކޭސްތައް އިތުރުވެފައިވާ ކަމަށް ބުނެފައިވެ އެވެ.
އެޗްޕީއޭއިން ބުނީ ކޮންމެ އަހަރަކުވެސް މި ދުވަސްވަރަކީ ޑެންގީ ހުން ފެތުރުން އިތުރުވާ ދުވަސް ވަރެއް ކަމަށެވެ. އޭގެ އިތުރުން ރޯދަ މަހާ ގުޅިގެން އާންމު ދިރިއުޅުމުގެ ކަންކަމަށް އައިސްފައިވާ ބަދަލުތަކުން ބަލިތައް ފެތުރުން އިތުރުވެގެން ދިއުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށެވެ.
އެޗްޕީއޭ އިން ބުނީ ބަލިވެގެން ޑޮކްޓަރަށް ދައްކަން ނޫން ގޮތަކަށް ހޮސްޕިޓަލްތަކަށް ނުދިއުމަށާއި ހާއްސަކޮށް، މި ދުވަސްވަރު ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑުމީހުން އެ ތަންތަނަށް ދިއުން ރައްކާތެރި ނޫން ކަމަށެވެ. އަދި ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު، ބަލިމީހާއާ އެކު ވީހާ ވެސް މަދު ބަޔަކު ހޮސްޕިޓަލަށް ދިއުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެ އެވެ.
މީގެ އިތުރުން، ހުމާއި ރޯގާގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ، މާބަނޑުމީހުންނާއި ބޮޑެތި ބަލިތައް ޖެހިފައިވާ މީހުން ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ވެސް އެ އިދާރާ އިން އެދެ އެވެ.
އެޗްޕީއޭއިން މިހެން ބުނެފަވާއިރު އައިޖީއެމްއެޗާއި އޭޑީކޭ ހޮސްޕިޓަލުން ވަނީ މި ދުވަސްވަރު ހުން އައިސްގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް ބުނެފަ އެވެ. އަދި އޭޑީކޭ ހޮސްޕިޓަލުން ވަނީ ހުމަށް ހާއްސަ ކްލިނިކެއް ހުޅުވައި ހިދުމަތް ދޭން ފަށާފައި އެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ހަލުވި ކަމާއި އެކު ޑެންގީ ހުން ފެތުރެމުން ދާއިރު އެޗްޕީއޭއިން ވަނީ ބަލިން ރައްކާތެރިވުމަށް މަދިރިން ސަލާމަތްވުމަށް ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައި އެވެ.
އެގޮތުން އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ކެއްސައި ކިނބިހި އަޅާއިރު ރުމާ/ޓިޝޫ އިން އަނގަމަތި ނިވާކުރުމަށާއި އާއްމު ސާފުތާހިރު ކަމަށް އިސްކަން ދިނުމަށާއި ރޯގާ ޖެހިފައިވާ ނަމަ ކުޑަކުދިންނާ ދުރުހެލިވެ އުޅުމުގެ އިތުރުން ހުން އައިސް ރޯގާ ޖެހިއްޖެ ނަމަ ވީހާ ވެސް ގިނައިން ދިޔާތަކެތި ބޭނުން ކޮށް، ޕެރަސެޓަމޯލް ފިޔަވައި އެހެން ބޭހެއް ބޭނުން ނުކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް