ފަހު މެޗުގައި ފަހަތުން އަރާ ލާޒިއޯ ބަލިކޮށް އިންޓަ ޗެމްޕިއަންސް ލީގަށް

އިޓާލިއަން ލީގުގެ މި ސީޒަންގެ ފަހު މެޗުތަކުގެ ކުޅުން ރޭ ނިމުނުއިރު، އެންމެ ފޯރިގަދަވި އަދި ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކުން ނޭވާ ހިފަހައްޓާލަން ޖެހުނު މެޗަކީ އިންޓަ މިލާން އާއި ލާޒިއޯ ބައްދަލުކުރި މ...

21 May 2018 | 04:48

އިޓާލިއަން ލީގުގެ މި ސީޒަންގެ ފަހު މެޗުތަކުގެ ކުޅުން ރޭ ނިމުނުއިރު، އެންމެ ފޯރިގަދަވި އަދި ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކުން ނޭވާ ހިފަހައްޓާލަން ޖެހުނު މެޗަކީ އިންޓަ މިލާން އާއި ލާޒިއޯ ބައްދަލުކުރި މެޗެވެ. މެޗަށް ނުކުތްއިރު ލާޒިއޯ ތާވަލުގެ 4 ވަނައިގައި އޮތީ 5 ވަނައިގައި އޮތް އިންޓަ މިލާންގެ މައްޗަށް ލިބިފައިވާ 3 ޕޮއިންޓްގެ ލީޑާއެކުގައެވެ.

އެހެނަސް ރޭ މި ދެ ޓީމު ބައްދަލުކުރި މެޗުން ލާޒިއޯ ދެ ފަހަރަށް ލީޑު ނެގުމުން ވެސް ހިތްވަރު އެލުވާނުލާ ކުރި މަސައްކަތުން އިންޓަ މިލާންއިން ވަނީ ފަހަތުން އަރާ މޮޅުވެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. އަނެއްކޮޅުން ރޭގެ މެޗު އެއްވަރު ކޮށްލައިގެން ވެސް 4 ވަނައިގައި ހިފަހައްޓާލެވެން އޮތް ލާޒިއޯއަށް އެންމެ ފަހު ވަގުތު ކުރިމަތި މިވީ ބޮޑު ހިތްދަތިކަމެކެވެ.

2008 ވަނަ އަހަރުގެ ސީޒަނަށް ފަހު ފުރަތަމަ ފަހަރަށް ލާޒިއޯ އިން ޗެމްޕިއަންސް ލީގުގެ ޖާގައަކަށް ކުރި އުންމީދު ފެނަށް މިއީ، ޕޮއިންޓްގެ ގޮތުން އިންޓަ މިލާންއާ އެއްވަރުވެ، ހެޑް-ޓު-ހެޑް އުސޫލަށް ބަލާއިރު އިންޓައަށް ކުރި ލިބޭތީއެވެ. މި ދެ ޓީމު ލީގުގައި މީގެ ކުރިން ބައްދަލުކުރި މެޗު ނިމުނީ އެއްވަރު ވެގެންނެވެ. ރޭގެ މޮޅާއެކު އިންޓަ މިލާން ޗެމްޕިއަންސް ލީގަށް ކޮލިފައި މިވީ 6 އަހަރު ދުވަހުގެ މެދު ކެނޑުމަކަށް ފަހުގައެވެ.

ރޭގެ މެޗު ފެށިގެން ކުރީކޮޅު ލާޒިއޯއަށް ލީޑު ލިބުނީ އެ ޓީމުގެ އާދަމް މަރުސިޗް ގޯލަށް ޖެހި ބޯޅައެއް އިންޓަގެ އިވާން ޕެރިސިޗްގެ މޫނުގައި ޖެހި މިސްރާބު ބަދަލުވެގެން ބައިކޮޅަށް ވަން ގޯލުންނެވެ. އެހެނަސް 29 ވަނަ މިނިޓުގައި ޑަނީލޯ ޑަމްބްރޯސޯ ކާމިޔާބު ކޮށްދިން ލަނޑާއެކު އިންޓައިން ނަތީޖާ ހަމަހަމަ ކުރިއެވެ.

ފުރަތަމަ ހާފު ނިމެން ދަނިކޮށް ލާޒިއޯގެ ފިލިއްޕޭ އެންޑަސަން ޖެހި ލަނޑާއެކު އަނެއްކާ ވެސް ލީޑު ނަގައި ލާޒިއޯ އިން ފުރަތަމަ ހާފު ނިންމާލީ ކުރީގައި އޮވެގެންނެވެ.

އިންޓަ މިލާން އިން ނަތީޖާ އަނބުރާލީ މެޗުގެ ފަހުކޮޅު 3 މިނިޓުގެ ތެރޭގައި ކާމިޔާބު ކުރި 2 ލަނޑުންނެވެ. ފުރަތަމަ ލަނޑަކީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން މައުރޯ އިކާޑީ ކާމިޔާބު ކޮށްދިން ލަނޑެކެވެ. އަނެއް ލަނޑު ޖެހީ މަޓިއޯސް ވެސީނޯ އެވެ.

ރޭގެ މެޗުގެ ދެ ވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ލާޒިއޯގެ ޕެޓްރިކް އަށް ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް އިޓާލިއަން ލީގުން ކޮލިފައި ވެފައިވަނީ ޔުވެންޓަސް، ނަޕޯލީ، ރޯމާ އަދި އިންޓަ މިލާން އެވެ.

ކްރޮޓޯން، ހެލާސް ވެރޯނާ އަދި ބެނެވެންޓޯ ވަނީ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓް ވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް