މިދިޔަ މަހު 368 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓު ކުރި

މިދިޔަ މަހު ރާއްޖެއިން 368 މިލިއަން ރުފިޔާޣެ މުދާ އެކްސްޕޯޓު ކުރި ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުން ދައްކައިފި އެވެ. އެ އިދާރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ މަހު އެކްސްޕޯޓު ...

21 May 2018 | 01:34

މިދިޔަ މަހު ރާއްޖެއިން 368 މިލިއަން ރުފިޔާޣެ މުދާ އެކްސްޕޯޓު ކުރި ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުން ދައްކައިފި އެވެ.

އެ އިދާރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ މަހު އެކްސްޕޯޓު ކުރި އެ މިންވަރަކީ މިދިޔަ އަހަރުގެ އޭޕްރިލް މަހާ އަޅާ ބަލާއިރު 77 ޕަސެންޓު އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ އޭޕްރިލް މަހު އެކްސްޕޯޓު ކޮށްފައިވަނީ 208 މިލިއަން ރުފިޔާގެ މުދަލެވެ. އާންމުގޮތެއްގައި ރާއްޖެއިން އެކްސްޕޯޓު ކުރަނީ މަހުގެ ބާވަތްތަކެވެ.

މިދިޔަ މަހު އެކްސްޕޯޓު ކުރި މުދަލުގެ ތެރެއިން 50 ޕަސެންޓު އެކްސްޕޯޓު ކޮށްފައިވަނީ ތައިލެންޑަށެވެ. މީގެ އިތުރުން މުދާ އެކްސްޕޯޓުކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ފަރާންސް، އެމެރިކާ، އިނގިރޭސިވިލާތް އަދި ޖަރުމަނު ހިމެނެ އެވެ.

މިދިޔަ މަހު އިމްޕޯޓު ކުރި މިންވަރު ކުރީ އަހަރުގެ އެ މުއްދަތާއި އަޅާ ބަލާއިރު އިތުރުވެފައިވަނީ 16 ޕަސެންޓެވެ. މިއަހަރުގެ އޭޕްރިލް މަހު 3.77 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓު ކުރި އިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި އިމްޕޯޓުކޮށްފައިވަނީ 3.25 ބިލިއަން ރުފިޔާގެ މުދަލެވެ.

އެންމެ ގިނަ މުދާ އިމްޕޯޓު ކޮށްފައިވަނީ ޔޫއޭއީ އިންނެވެ. އެއީ 21 ޕަސެންޓެވެ. ދެން އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ސިންގަޕޫރާއި ޗައިނާއިންނެވެ.

އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސްއަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހާއި އަޅާ ބަލާއިރު 31 ޕަސެންޓު އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ އޭޕްރިލް މަހު އިމްޕޯޓި ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި 200 މިލިއަން ރުފިޔާ ލިބުނު އިރު މިއަހަރު އެ އަދަދު ވަނީ 262 މިލިއަން ރުފިޔާއަށް އިތުރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް