ކޮކާކޯލާ ކުންފުނިން ފުރަތަމަ ފަހަރަށް ރާއްޖޭގައި ދިވެހި އިޝްތިހާރެއް ހަދައިފި އެވެއެވެ.
ޗޮޕާޓް މޯލްޑިވްސް އާ ހަވާލުކޮށްގެން އުފެއްދި އެ އިޝްތިހާރުގައި އެކްޓްކޮށްފައި ވަނީ ރާއްޖޭގެ މަޝްހޫރު ދެ ފަންނާނުން ކަމަށްވާ ޝީލާ ނަޖީބާއި އަހުމަދު ނިމާލެވެ. މި އިޝްތިހާރަކީ ރޯދަ މަހަށް ހާއްސަކޮށްގެން ހެދި އިޝްތިހާރެކެވެ.
އެގޮތުން އިޝްތިހާރުގައި ފެނިގެންދަނީ ދިވެހި އާއިލާއަކުން ރޯދަ ވީއްލާ މަންޒަރެވެ. ކާއެއްޗެހި ތައްޔާރު ކުރާ މަންޒަރާއި ތައްޔާރު ކުރާ ކާއެއްޗެހީގެ އިތުރުން ކޮކާ ކޯލާ ފުޅިއެއް ގެނައުމުން އާއިލާއަށް ގެނެސްދޭ އުފާވެރިކަން މި އިޝްތިހާރުން ފެނިގެންދެ އެވެ. އެ އިޝްތިހާރު ކުޅެފައިވަނީ ދިވެހި ބަހުންނެވެ.
ރާއްޖޭގައި ހަދާފައިވާ އެ އިޝްތިހާރު ރަސްމީކޮށް ނެރެފައިވަނީ ރޭ މާގިރީ ހޮޓެލްގައި އެކަމަށް ޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ފިލްމީތަރި މުހައްމަދު ނިމާލް އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ ކޮކާކޯލާ ކުންފުނީގެ ޖެނެރަލް މެނޭޖަރު މިލިންދް ޑެރަސާރީ ވިދާޅުވީ، ރާއްޖެއިން ކޮކާކޯލާގެ އިޝްތިހާރެއް އުފެއްދި މިއީ ފުރަތަމަ ފަހަރު ކަމަށާއި އެ އިޝްތިހާރުގައި ދިވެހި ވަންތަ ކަމެއް ވެސް ގެނެސްފައިވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި ކޮކާކޯލާގެ އިޝްތިހާރުތައް ހެދުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއީ ދިވެހިން ބައިވެރިކޮށްގެން ކޮކާ ކޯލާގެ އިޝްތިހާރެއް ހެދި ދެވަނަ ފަހަރެވެ. ކޮކާކޯލާ ކުންފުނިން ކުރިން ވަނީ އިޝްތިހާރަކަށް ރާއްޖޭގެ ފަންނާނެއްގެ ލަވައެއް ލާފައެވެ. މަޝްހޫރު ލަވަކިއުންތެރިޔާ ޝަލަބީ އިބުރާހީމްގެ އަޑުން ކިޔާފައިވާ ލަވަ ހިމެނޭ އެ އިޝްތިހާރަށް ވެސް ބޮޑު ތަރުހީބެއް ލިބުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް