ޑރ. މަޖީދަށް އަވަސް ޝިފާއަކަށް ރައީސް އެދިވަޑައިގެންފި

ސްޓްރޯކެއް ޖެހިގެން، ސްރީ ލަންކާގައި ފަރުވާ ދެމުން އަންނަ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.އަބްދުލް މަޖީދު އަބްދުލްބާރީއަށް އަވަސް ޝިފާއަކަށް ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފި އެވެ. ރައީސްގެ ފަރާތ...

21 May 2018 | 00:13

ސްޓްރޯކެއް ޖެހިގެން، ސްރީ ލަންކާގައި ފަރުވާ ދެމުން އަންނަ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.އަބްދުލް މަޖީދު އަބްދުލްބާރީއަށް އަވަސް ޝިފާއަކަށް ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފި އެވެ.

ރައީސްގެ ފަރާތްޕުޅުން ތައުޒިޔާގެ މެސެޖު ހާމަ ކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ކުރެއްވި ޓުވީޓެއްގައި އެވެ.

އެމަނިކުފާނު ވިދާޅުވީ ޑރ. މަޖީދުގެ ހާލުކޮޅު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެމުންދާ ހަބަރު އެއްސެވީ ފުން ހިތާމައާއި އެކު ކަމަށެވެ. އަދި އެމަނިކުފާނަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުން އެދި ދުއާ ކުރެއްވުމަށް ފަހު މި ދަނޑިވަޅުގައި އާއިލާއަށް ކެއްތެރިކަން ދެއްވުމަށް ރައީސް ޔާމީން އެދިވަޑައިގެންފަވެ އެވެ.

https://twitter.com/SpokespersonMV/status/998276057584123904

ލޭ މައްޗަށް ދިއުމުގެ މައްސަލަ ހުންނަ މަޖީދަށް މިދިޔަ ހުކުރު ދުވަހު ސްޓްރޯކެއް ޖެހުނީ ބައްދަލުވުމަކަށް ސްރީ ލަންކާއަށް ވަޑައިގެން އުޅުއްވަނިކޮށެވެ. ޑރ. މަޖީދަށް ޖެހުނު މި ސްޓްރޯކާ ގުޅިގެން އޭނާގެ އޮޕަރޭޝަންތަކެއް ވެސް ވަނީ ކޮށްފަ އެވެ. އޭގެ ފަހުން ހާލު ރަނގަޅުވަމުން އައި ކަމަށް އާއިލާއިން މީޑިއާގައި ބުނެފައިވެ އެވެ.

އެކަމަކު އިއްޔެ ކުއްލިއަކަށް ހާލު ސީރިއަސްވެފައިވާ ކަމަށް ޑރ މަޖީދުގެ ދަރިކަލުން އަހުމަދު ފިރާސް ފޭސްބުކްގައި ބުނެފައިވެ އެވެ. އެހެންވެ ޑރ. މަޖީދުގެ އާއިލާގެ ހުރިހާ މެންބަރުންހެން ވަނީ ލަންކާއަށް ގޮސްފައި އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އިއްޔެއިން ފެށިގެން ޑރ. މަޖީދު ނޭވާލައްވަމުން ގެންދަވަނީ ވެންޓިލޭޓަރުގެ އެހީގައި އެވެ.

ޑރ. މަޖީދަކީ މަޝްހޫރު ދީނީ އިލްމުވެރިއެއްގެ އިތުރުން އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް