ނަސްގެ ޕޭޖު ރާއްޖޭގައި ބްލޮކް ކުރީ "އެކްސް" އަށްޓަކައި!

ނުސައިރު ޔާސިން (ނަސް) ގެ ފޭސްބުކް ޕޭޖު "ނަސް ޑެއިލީ" ގައި ރާއްޖޭގެ އަންހެނަކު ބުރުގާ ބާލަން ނުކެރިގެން އުޅޭކަމަށް ބުނެ އާންމު ކުރި ވީޑިއޯއަށް ފަހު އޭނާގެ ޕޭޖު ރާއްޖޭގައި ބްލޮކް ކުރީ އެ އަންހެން މީހާގ...

20 May 2018 | 21:06

ނުސައިރު ޔާސިން (ނަސް) ގެ ފޭސްބުކް ޕޭޖު "ނަސް ޑެއިލީ" ގައި ރާއްޖޭގެ އަންހެނަކު ބުރުގާ ބާލަން ނުކެރިގެން އުޅޭކަމަށް ބުނެ އާންމު ކުރި ވީޑިއޯއަށް ފަހު އޭނާގެ ޕޭޖު ރާއްޖޭގައި ބްލޮކް ކުރީ އެ އަންހެން މީހާގެ ރައްކަލަކަށް ޓަކައި އަމިއްލައަށް ކަމަށް ބުނެފި އެވެ.

ނަސް އަކީ ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކޮށް، ތަފާތު މީހުންނާއި ކަންކަމާ ގުޅޭ ގޮތުން އެއް މިނިޓްގެ ވީޑިއޯ ހަދައި އާންމު ކުރާ މީހެކެވެ. އޭނާގެ ވީޑިއޯތަކަށް އެތައް ބައެއްގެ ސަމާލުކަން ލިބެ އެވެ. އޭނާ ވަނީ މިދިޔަ ދެ ހަފްތާއެއްހާ ދުވަހު ރާއްޖޭގައި ހޭދަ ކުރި ދުވަސްތަކުގައި ތަފާތު ހަތަރު ވީޑިއޯއެއް ހަދައި އާންމުކޮށްފައި އެވެ.

ނަސް އެންމެ ފަހުން އާންމު ކުރި ވީޑިއޯ އަކީ އއ. އުކުޅަހުގައި ހަދާފައިވާ ވީޑިއޯ އެކެވެ. އޭގައި ފެންނަ އަންހެން މީހާ އަކީ އެރަށަށް ނިސްބަތްވާ މީހެއް ކަމަށްވެ އެވެ. ނަސްގެ އެ ވީޑިއޯއަށް ކޮމެންޓު ކުރި ބައެއް މީހުން ވަނީ މޫނު ނިވާކޮށްގެން ކާކުކަން ނޭނގޭ ގޮތަށް ވާހަކަ ދެއްކިޔަސް އެއީ ކާކުކަން އެނގޭ ކަމަށެވެ.

އެ އަންހެން މީހާ އެއީ ކާކުކަން ވީޑިއޯގައި ސިއްރުކޮށްފައިވާއިރު، މުހާތަބު ކުރަނީ "އެކްސް" ގެ ގޮތުގަ އެވެ. ބުރުގާ އަޅައި މޫނު ނިވާކޮށްގެން ހުރެ އޭނާ ބުނަނީ އެހެން މީހުންގެ ޕްރެޝަރާ ހެދި ބުރުގާ ނަގަން ނުކެރިފައި ހުރި ވާހަކަ އާއި އޭނާގެ ބޮޑު އިސްތަށިގަނޑު އެންމެންނަށް ދައްކާލަން ބޭނުންވާ ވާހަކަ އެވެ. އެ ވީޑިއޯގައި އޭނާގެ އިސްތަށިގަނޑު އެތައް ފަހަރެއްގެ މަތިން ދައްކާލާ މަންޒަރު ފެނެ އެވެ.

މީގެ އިތުރުން، ގޮނޑުދޮށުން ހިނގާފައި ދާ މަންޒަރާއި މޫނު ނިވާކޮށްގެން ހުރެ (ހަމައެކަނި ދެ ލޯ ފެންނަ ގޮތަށް) ވާހަކަ ދައްކާ މަންޒަރު ވެސް ވީޑިއޯ އިން ފެނެ އެވެ.

އެ ވީޑިއޯއަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ރައްދުވަމުން ދަނިކޮށް ކުއްލިއަކަށް އެ ޕޭޖަށް ރާއްޖެއިން ނުވަދެވޭގޮތަށް ހެދި އެވެ. އެކަމަކު ބޭރު ގައުމުތަކުގައި ނަސްގެ ޕޭޖަށް ވަދެ އެ ވީޑިއޯ ބެލެ އެވެ.

އެކަމާ ގުޅިގެން މީހަކު ސުވާލު ކުރުމުން ނަސް ބުނެފައިވަނީ ރާއްޖޭގެ އެއްވެސް ހިސާބަކުން އޭނާގެ ޕޭޖަށް ނުވަދެވޭގޮތް ހެދީ އެ އަންހެން މީހާގެ ރައްކަލަކަށްޓަކައި ކަމަށެވެ. އަދި އޭނާއަށް ފާޑު ކިޔުމުގެ ބަދަލުގައި ހިތްވަރުދިނުމަށް ނަސް އެދިފައިވެ އެވެ.

މި ވީޑިއޯ އަށް ފާޑުކީ ގިނަ ބަޔަކު ބުނީ ނަސްގެ ވީޑިއޯ އަށް އަރާ ހިތުން އެ އަންހެން މީހާ ދީނަށް ފުރައްސާރަކޮށްފައިވާ ކަމަށެވެ. އަދި ދީފައި ވަނީ ވަރަށް ގޯސް މެސެޖެއް ކަމަށާއި އެހެން މީހުންނަށް އައިޑެންޓިޓީ ފޮރުވިޔަސް އެނގެންވާ ފަރާތަށް އެކަން ސިއްރު ނުވާނެ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.

މީގެ އިތުރުން ބައެއް މީހުން ވަނީ ނަސް ކުރަން އުޅެނީ ކޮން ކަމެއްތޯ އާއި "އެއްފަޅި" ދައްކަން އުޅެނީ ކީއްވެތޯ  ސުވާލުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް