މިއަދު ކޯވިޑް-19 އަށް ޕޮސިޓިވްވި ބިދޭސީންގެ ތެރޭގައި ހިމެނޭ ތިން މީހުންނަކީ މިއަދު ބަންގްލަދޭޝް ސަރުކާރުން ފޮނުވި އަސްކަރީ މަތިންދާ ބޯޓުގައި ފޮނުވާލަން ހަމަޖެހިފައި ތިބި ބައެއް ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އެމީހުން ޓެސްޓު ކުރީ ފޮނުވާލުމުގެ ކުރިން ބަލި ހުރިތޯ ބަލަން އިއްޔެ ކަމަށެވެ. އެ ތިން މީހުންވެސް ތިބީ ސަރުކާރުން އިމާދުއްދީން ސްކޫލްގައި ހަމަޖައްސާފައިވާ ވަގުތީ ހިޔާގައި އެވެ.
އޭނާ ވިދާޅުވީ އެމީހުން ޕޮސިޓިވް ވުމާއި ގުޅިގެން ފުރުވާލާފައި ނުވާކަމަށެވެ. އެމީހުން މިހާރު އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސްފައިވާ ކަމަށެވެ.
އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
މާލޭގައި ކޯވިޑް-19 ފެތުރި ގިނަ ބަޔަކު ކޮންމެ ދުވަހަކު ޕޮސިޓިވް ވަމުން ދާއިރު އޭގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީން ހިމެނެ އެވެ. އެކަމަކު ޕޮސިޓިވްވާ މީހުންގެ ތެރޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ގޮތުގައި ޕޮސިޓިވްވެފައިވަނީ3 ބަންގަލޭޝް ރައްޔިތުންނެވެ.
އެހެން އެންމެންނަކީވެސް ރާއްޖޭގައި ސައްހަ ވިސާ އާއި އެކު މަސައްކަތް ކުރާ ބިދޭސީންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް