މިއަދު ހެނދުނުން ފެށިގެން ލަންކާގައި މިހާތަނަށް އަށް ސަރަހައްދެއްގައި މިވަނީ ބޮން ގޮއްވާފައެވެ. މީގެ ތެރެއިން ދިވެހިން އުޅޭ ސަރަހައްދުތަކުގައިވެސް ވަނީ ބޮން ގޮއްވާފައެވެ.
ލަންކާ ސަރުކާރުން މިހާރު ކާފިއު އިއުލާންކޮށްފައިވާއިރު، ފުލުހުންނާއި ސިފައިންނަށް ޝޫޓް އޯޑަރު ވަނީ ދީފައެވެ. އެހެންކަމުން ލަންކާގައި ދިރިއުޅޭ ދިވެހިން މަޖުބޫރީ ހާލަތެއްގައި ނޫނީ ބޭރަށް ނުނިކުތުމަށް އިލްތިމާސް ކުރަމެވެ.
މިހާލަތަކީ ލަންކާގައި ސޯޝަލް މީޑިއާވެސް ބްލޮކް ކޮށްފައިވާ ހާލަތެއް ކަމުން، މުއާމަލާތްކުރުމަށް ދަތިތަކަކާއި ކުރިމަތިވުން އެކަށީގެންވެއެވެ. މާޒީގައި ޝޫޓް އޯޑަރުތަކުގައި މީހުންގެ ގަޔަށް ފުލުހުންނާއި ސިފައިން ބަޑިޖަހައިފައިވެއެވެ. އެހެންކަމުން ލަންކާގައި ދިރިއުޅޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބޭރަށް ނުނިކުތުމަށް ގޮވާލަމެވެ.
ލަންކާގައި ދިރިއުޅޭ ދިވެހިން ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ތިބުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީންވެސް ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކުންނާއި، ދިވެހި އެމްބަސީންވެސް ވަނީ މަޖުބޫރީ ހާލަތެއްގައި ނޫނީ ބޭރަށް ނުނިކުތުމަށް އިލްތިމާސްކޮށްފައެވެ.
މި ދަނޑިވަޅަކީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ބިރުވެރި ވަގުތެވެ. މިވަގުތުގައިވެސް ހިތްވަރު އެލުވާނުލައި ސާބިތުކަމާއި އެކީ ތިބުމަށް ގޮވާލަމެވެ. އަދި މިހާތަނަށް އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައި ނުވާތީ ހެއްދެވި ފަރާތަށް ޝުކުރު ދަންނަވަމެވެ.
ރާއްޖޭގައި ދިރިއުޅޭ ހުރިހާ ދިވެހިންވެސް މިވަގުތު ސާބިތުކަމާއި އެކީތިބީ ލަންކާގައި ދިރިއުޅޭ ދިވެހިންނާއި އެކީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް