މިއަދު ހެނދުނުއްސުރެ ސްރީ ލަންކާގައި ބޮންތަކެއް ގޮއްވަމުން އަންނައިރު މި ހަމަލާތަކުގައި މިހާތަނަށް 185 މީހަކު މަރުވެފައިވާކަމަށް ލަންކާގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
އެގޮތުން ނިއުސްފަސްޓްގައި ރިޕޯޓްކޮށްފައިވާގޮތުގައި ނެޝަނަލް ހޮސްޕިޓަލުގައި 45 މީހަކު، ނެގަމްބޯ ހޮސްޕިޓަލުގައި 74 މީހަކު ކަޓާނާ ފައްޅީގައި 31 މީހަކު ރާގަމާ ހޮސްޕިޓަލުގައި ހަތް މީހަކު އަދި ބައްޓިކަލޯގައި 27 މީހަކު މަރުވެފައިވެއެވެ.
ބޮން ގޮއްވާލާފައިވަނީ ތިން ފައްޅިއަކާއި ތިން ހޮޓަލަކާއި އިތުރު ދެ ތަނެއްގައެވެ. އެންމެ ފަހުން އަށްވަނަ ބޮމެއް ގޮއްވާލާފައިވަނީ ޑެމަޓަގޮޑާގައެވެ. އެ ހަމަލާގައި ތިން ފުލުހަކު މަރުވެފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ. މީގެ އިތުރުން ބޮމެއް ކަމަށް ޝައްކު ކުރެވޭ ޕާރުސަލެއް ފެނިގެންވެސް ސަލާމަތީ ބާރުތަކުން ވަނީ ހަރަކާތްތެރި ވާން ފަށާފައެވެ.
މި ހަމަލާތަކާއި ގުޅިގެން ދާދި ދެންމެއަކު ވަނީ ކާފިއު ހިންގަން ފަށާފައެވެ. ކުރިން ނިންމާފައި އޮތީ މިރެއިން ފެށިގެން މާދަމާގެ ނިޔަލަށް ކާފިއު ހިންގުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް