ދޮށީ އުމުރަށް ދިއުމުން މައިން ބަފައިން ބޭނުންވާނީ ބިދޭސީއެއް ނޫން – ދަރިންގެ ލޯތްބާއި އޯގާތެރިކަން: ރައީސް

ދޮށީ ޢުމުރަށް ދިއުމުން މައިންބަފައިން އެންމެ ބޭނުންވާނީ، ކައިރީގައި ޚިދުމަތް ކޮށްދޭން ހުންނާނެ ބިދޭސީއެއް ނޫންކަމަށާއި، އެ ޢުމުރުގައި އެންމެ ބޭނުންވާނީ، ދަރިންގެ އަޅައިލުމާއި ލޯތްބާއި އޯގާތެރިކަން ކަމ...

21 Apr 2019 | 03:00

ދޮށީ ޢުމުރަށް ދިއުމުން މައިންބަފައިން އެންމެ ބޭނުންވާނީ، ކައިރީގައި ޚިދުމަތް ކޮށްދޭން ހުންނާނެ ބިދޭސީއެއް ނޫންކަމަށާއި، އެ ޢުމުރުގައި އެންމެ ބޭނުންވާނީ، ދަރިންގެ އަޅައިލުމާއި ލޯތްބާއި އޯގާތެރިކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މަންފާ ސެންޓަރަށް 15 އަހަރު ފުރުމުގެ މުނާސަބަތުގައި ފެކަލްޓީ އޮފް ހެލްތު ސައިންސަސްގައި ރޭ ބޭއްވެވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އޭޖް ކެއަރ މޯލްޑިވްސް ގެ ނަމުގައި މިހާރު ހިންގަވާ އެ ސެންޓަރަށް 15 އަހަރު ފުރުން ފާހަގަ ކުރުމަށް ރޭ ބޭއްވެވި ހަފުލާ ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދޮށީ ޢުމުރުގެ މީހުންނަށް މިއަދު ކުރިމަތިވަމުން އަންނަ އެންމެ ބޮޑު މައްސަލައަކީ މުސްކުޅިވި ދުވަހު ލޯބިދީ އަޅައިލާނޭ ދަރިން، ކައިރީގައި ނެތުމުގެ ހިތްދަތި އިޙްސާސްކުރަންޖެހި އެމީހުންނަށް ކުރިމަތިވާ ނަފްސާނީ މައްސަލަތައް ކަމުގައެވެ. އެހެންކަމުން މިކަމާމެދު ވިސްނައި މައިންބަފައިން ވެފައިވާ ޤުރުބާނީ ހަނދާން ނައްތާނުލައި، ކޮންމެ މީހެއްގެ ވެސް ފުދުންތެރިކަން ހުރި މިންވަރަކުން މައިންބަފައިންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަށް މަސައްކަތް ކުރުމަށް އެމަނިކުފާނު ނަޞޭޙަތްތެރިވެ ވަޑައިގެންނެވިއެވެ.

މި ޙަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަދު ތަރައްޤީގެ ގޮތުގައި މިފެންނަ ކޮންމެ ކަމަކީ، މުސްކުޅިކުރެވިފައިވާ ބޭފުޅުންގެ، ޤައުމީ ޚިދުމަތުގެ މަލަތައްކަމުގައެވެ. އެހެންކަމުން އެ މީހުންގެ ޚިދުމަތުގެ އަގު، އަބަދުވެސް ވަޒަންކުރަން ޖެހޭނެކަމަށާއި، އަބަދުވެސް އެމީހުންނަށް އިޙްތިރާމް ކުރަންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ދޮށީ ޢުމުރުގެ މީހުންނަށް ޙަރަކާތްތެރި ދިރިއުޅުމެއް އުޅެވޭނެ ފުރުޞަތު ފަހިކޮށްދިނުމާއެކު އަމާން މާޙައުލެއް މުޖުތަމަޢުގެ ތެރެއިން ހޯދައިދިނުމަކީ މުހިންމު ކަމެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ހުރިހާ އުމުރެއްގެ މީހުން ވެސް ދޮށީ ޢުމުރުގެ މީހުންނަށް އަޅާލައި، އިޙްތިރާމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ބާރުއެޅުއްވިއެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މަންފާ ސެންޓަރުގެ ފައުންޑާ މެންބަރުން ކަމުގައިވާ ޑޮކްޓަރ އާމިނަތު ޖަމީލާއި އެކަމަނާގެ ފިރިކަލުން މުޙައްމަދު އިސްމާޢީލް އަށާއި މަރުކަޒުގެ އިސް ވެރިންނަށާއި މެންބަރުންނަށް ތަހުނިޔާ ވިދާޅުވެފައެވެ. އަދި މެދު ނުކެނޑި 15 އަހަރު ޚިދުމަތް ދިނުމަކީ ކާމިޔާބީއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރޭގެ ރަސްމިއްޔާތުގައި، 10 އަހަރަށްވުރެ ގިނަ ދުވަހު މެދުނުކެނޑި ޚިދުމަތްކުރައްވާފައިވާ މަންފާގެ މެންބަރުންނަށާއި، ގިނަ ދުވަހު އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ފަރާތްތަކަށާއި މުވައްޒަފުންނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ހަނދާނީ ފިލާ ދެއްވިއެވެ.

މަންފާ ސެންޓަރަކީ، ދޮށީ ޢުމުރުގެ މީހުންނަށް އެ މީހުންގެ ޢުމުރާ ގުޅޭ ގޮތުން، ހޭލުންތެރިކުރުމުގެ ތަފާތު ޕްރޮގްރާމްތައް ހިންގާ މަރުކަޒެކެވެ. ދޮށީ ޢުމުރުގެ ދުވަސްތައް ގުނަމުންދާއިރު، އުފާވެރި ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރެވޭނެ ގޮތްތަކާ މެދު ހޭލުންތެރިކުރުމަކީ، މި މަރުކަޒުގެ އެންމެ މުހިންމު އެއް މަޤްޞަދެވެ.

ރޭގެ ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން، ފަޒުނާ އަހުމަދާއި ރައީސުލްޖުހޫރިއްޔާގެ ނައިބުގެ ދެކަނބަލުންގެ އިތުރުން ދަޢުލަތުގެ ބައެއް ވަޒީރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް