ގެއްލުނު ދެ ކުދިން ހޯދަން ނައިޓް ވިޝަން ކެމެރާ ބޭނުން ކުރަނީ

އައްޑޫ ސިޓީ ހިތަދޫ ކޯއްޓޭ ސަރަހައްދަށް މޫދަށް ގޮސް އުޅެނިކޮށް ގެއްލުނު ދެ ކުދިން ހޯދުމަށް އެމްއެންޑީއެފުން ނައިޓް ވިޝަން ކެމެރާ ބޭނުން ކުރަން ފަށައިފި އެވެ. އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބް...

21 Apr 2018 | 18:16

އައްޑޫ ސިޓީ ހިތަދޫ ކޯއްޓޭ ސަރަހައްދަށް މޫދަށް ގޮސް އުޅެނިކޮށް ގެއްލުނު ދެ ކުދިން ހޯދުމަށް އެމްއެންޑީއެފުން ނައިޓް ވިޝަން ކެމެރާ ބޭނުން ކުރަން ފަށައިފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ ނައިޓް ވިޝަން ކެމެރާ ބޭނުން ކޮށްގެން ކޯސްޓްގާޑު އުޅަނދުތަކުން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިިރޭވެސް މެދުކަނޑާ ނުލާ ދެކުދިން ހޯދުމުގެ މަަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މި ހާދިސާ ހިނގީ ތިން ކުއްޖަކު މޫދަށް އެރި އުޅެނިކޮށެވެ. އޭގެ ތެރެއިން އެއް ކުއްޖަކު ފެނިފައިވާ އިރު އޭނާއަށް ދަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ނެވެ. އެ ހޮސްޕިޓަލުން މީޑިއާގައި ބުނެފައިވަނީ ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ.

ގެއްލިގެން ހޯދަމުން ދަނީ ހިތަދޫ ޗަނބޭލީގޭ އަލީ ފަހުމީ އާއި ޓޮޕާޒް މަޔާމީން އަލީ އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެ ކުދިން އެ ސަރަހައްދަށް މޫދަށް އެރުނު އިރުވެސް ސަރަހައްދުގެ އޮއިވަރު ވަރަށް ގަދަ އެވެ.

މި ދެ ކުދިން ހޯދުމަށް މިއަދު އެމްއެންޑީއެފުން ވަނީ ހެލިކޮޕްޓަރުވެސް ބޭނުންކޮށްފައި އެވެ. އެކަމަކު އަދި މިހާތަނަށް ކުދިންގެ އެއްވެސް ހިލަމެއް ވެފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް