މުސްލިމަކަށް މެނުވީ ދިވެހި ރައްޔިތަކަށް ނުވެވޭނެ ކަމާއި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމަށް ސުންނީ މުސްލިމަކަށް ވާންޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މާއްދާތައް އިސްލާހުކުރަން ލަފާ ދިނުމާއިގުޅިގެން އެކަމަށް ރައްދުދީ ޖަމްޢިއްޔަތުއްސަލަފުން ބަޔާނެއް ނެރެފިއެވެ.
އީ.ޔޫގެ ފަރާތުން ދާދިފަހުން ރާއްޖެ އައި ވަފުދުން ނެރުނު ރިޕޯޓަށް ރައްދުދީ ޖަމްޢިއްޔަތުއްސަލަފުން ނެރުނު ބަޔާނުގައިވަނީ ބަޔަކަށް ހެޔޮއެދޭ، އަދި ތަނެއް ކުރިއެރުމަށް އެދި އެހީވާ ބަޔަކު އެބަޔެއްގެ އެ ޢަޤީދާއެއްގެ މަތީގައި ތިބި ޙައްޤު ޢަޤީދާ ނިގުޅައިގަންނަން މަސައްކަތްކޮށް، ފާޑުފާޑުގެ އިންޒާރުދީ، ބިރުދައްކާތަނެއް ނުފެނުނީސްކަން ކަށަވަރުކަމަށާއި އެހެންކަމުން އީޔޫ ގެ އެ ގޮވާލުމަކީ އަނިޔާވެރި، ނުރައްކާތެރި ގޮވާލުމެއްކަން މިފުރުޞަތުގައި ދިވެހި އެންމެހާ ލޮބުވެތި މުސްލިމުންނަށް ޖަމްޢިއްޔަތުއްސަލަފުން ހަނދުމަކޮށްދީ ޚަބަރުދާރުކުރުވާކަމަށެވެ. އަދި އެފަދަ އެއްވެސް ގޮވާލުމަކަށް ދިވެހި އެއްވެސް ރައްޔިތަކު ހަށީގައި ފުރާނަހުރިހާ ހިނދަކު އިޖާބަދީގެން ނުވާނެކަމަށާއި އަދި ރުހި ތާއީދު ކޮށްގެންވެސް ނުވާނެކަމަށެވެ. އިސްލާމްދީން ނައްތާލަން މަސައްކަތްކުރުމާއި، ކުރާ ބަޔަކަށް ތާއީދުކޮށް އެފަދަ މީހުންނާ ބައިވެރި ވުމަކީ މާތް ﷲ އާ އިދިކޮޅަށް ބަޣާވާތްކުރުންކަމަށްވެސް ޖަމްޢިއްޔަތުއްސަލަފުގެ ބަޔާނުގައި ވެއެވެ.
ޖަމްޢިއްޔަތުއްސަލަފުން އިނގިރޭސި ބަހުން ނެރުނު މިބަޔާނުގައި އިތުރަށް ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މައްޗަށް އޮތީ ޤައުމުގެ އިސްލާމްކަން ދެމެހެއްޓުމަށްޓަކައި ރައްޔިތުންނާއިގެން ޘާބިތުވެ ، މާތްﷲ ބާވައިލައްވާފައިވާ ޢަދުލުވެރި ދީން މީސްތަކުންގެ މެދުގައި ތަންފީޒުކުރުމުގައި ، މާތް ﷲ ފިޔަވައި އެއްވެސް ފަރާތަކަށް ބިރެއްނެތި ޖިހާދުކުރުންމަތީ ދެމިހުރުންކަމަށާއި އަދި އެގޮތުގައި ދެމިހުރުމަށްޓަކައި އެމީހެއްގެ ޙައިޘިއްޔަތުން ވާގިވެރިވެ، ނަޞޭޙަތްތެރިވުމަކީ އެންމެހާ ރައްޔިތުންގެ މައްޗަށް ލާޒިމުވެގެންވާނެކަމެއްކަމަށެވެ. އަދި ރައްޔިތުން މަޖިލީހުގެ މެމްބަރުންނާ، ކޯޓުތަކުގެ ފަނޑިޔާރުންނާއި، ދައުލަތުގެ އެންމެހާ މުއައްސަސާތަކުގެ އަހުލުވެރީންނަށްވެސް ލާޒިމްވެގެންވަނީ ދިވެހިރާއްޖެއިން އިސްލާމްކަން ފޭކުރުމަށް މަސައްކުރަން އުޅޭ ހަމައެއްވެސް ފަރާތަކަށް އެއްބާރުލުން ނުދިނުންކަމަށެވެ.
"ދަންނައެ، އެއްވެސް ކިލަނބުކަމެއްނެތި، އެއްވެސް ފަރާތަކަށް އަނިޔާވެރިވުމަކާނުލައި ހަމަހަމަކަމާއެކު ޢަދުލުއިންޞާފު ޤާއިމުވެގެންދާނެ މަތިވެރި މަންހަޖަކާއި ޝަރީޢަތެއް ދުނިޔެއަށް ގެނެސްދީފައިވާ ހަމައެކަނި ނިޒާމަކީ އިސްލާމްދީނުގެ ރައްބާނީ ނިޒާމްކަން ކަށަވަރެވެ. އެހެންވާންޖެހުނީ އެ ނިޒާމްގެ މަޞްދަރަކީ މާޒީއާއި މުސްތަޤްބަލް މޮޅަށް ދެނެވޮޑިގަންނަވާ، އިންސާނުން އުފެއްދެވި އޯގާވަންތަ މާތް ﷲ ބާވައިލައްވާފައިވާ ވަޙީ ކަމުގައި ވީތީއެވެ. އެއާއެކު ޖިންނީންނާއި އިންސީންނާއި އަދި މުޅި އެންމެހާ ޢާލަމްތަކަށް ރަޙްމަތެއްގެ ގޮތުގައި އެއުރެނަށް ނަމޫނާއެއްކަމުގައި މާތް ﷲ ފޮނުއްވެވި محمد صلى الله عليه وسلم ގެ ސުންނަތުން، އެކަން ތަޠުބީޤުކުރައްވާ ދައްކަވާ ދަސްކޮށްދެއްވާފައި ވާތީއެވެ. އެހެންކަމުން އެއީ އިންސާނުންގެތެރެއިން ވަކި ބައެއްގެ، ވަކި ޤައުމެއްގެ އަމިއްލަ މަޞްލަޙަތު ޙިމާޔަތްކޮށް،ދެރަ ނިކަމެތީންނާއި، އަނެކުންގެ ޙައްޤުތަކަށް ބެލުމެއްނުވާގޮތުގައި ފަރުމާކުރެވިފައިވާ ފަލްސަފާތަކުގެ މައްޗަށް އުފައްދާފައިވާ އަނިޔާވެރި ނިޒާމަކަށް ނުވާނެކަމީ؛ އެ ފަދަމަތިވެރި ނިޒާމަކަށް، އިންސީންނާއި ޖިންނީންގެ ފިޠުރަތު، ބޯލަނބައިލާނެކަން ކަށަވަރުވާކަމެކެވެ. މިފަދަ ސާފު ބިއްލޫރިފަދަ ޝަރީޢަތެއްގެ ހިޔާވަހިކަމުގައި ދިވެހީންވަނިކޮށް، އިސްލާމްދީނާ ޢަދާވާތްތެރިވެގަނެގެންތިބި ބޭރުގެ ކާފަރުންގެ ތަފާތު ޖަމާޢަތްތަކުން، ދިވެހިރާއްޖޭގެ އިސްލާމީ ވަޙްދަތާއި، އިސްތިޤްލާލު ނަގާލައި، ގައުމުގައި ފިތުނަފަސާދަ އުފައްދައި ބަލްބަލާ ފެތުރުމަށް މަސައްކަތްކުރާ އެއްވެސް ބަޔަކީ އެބަޔެއްގެ އެއްވެސް ހެޔޮ ނިޔަތެއް ދިވެހިރާއްޖެއާ މެދު ނޯންނާނޭ ބަޔެއްކަން ދިވެހިރައްޔިތުން މިއަދު ޔަޤީންކުރަންޖެހިއްޖެކަން ޖަމްޢިއްޔަތުއްސަލަފުން ޤަބޫލުކުރަމެވެ." ބަޔާނުގައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް