ދީނީ ރޮގުން ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވަމުން އަންނަ އަލް ޢަޞްރު ޖަމުޢިއްޔާއިން "ލޯތަކުގެ ފިނިކަން" މި ނަމުގައި ނަމާދު ވޯކްޝޮޕެއް ފެށުމަށް ތައްޔާރުވެއްޖެއެވެ. އަދި މި ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ.
މިއީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަޞައްލަމަގެ ހަދީޘް ބަސްފުޅެއްކަމަށްވާ "ތިމަންކަލޭގެފާނު ނަމާދު ކުރައްވާތީ ތިޔަބައިމީހުންނަށް ފެނުނު ގޮތަށް ނަމާދު ކުރާ ހުށިކަމެވެ" (ޞަޙީޙުލް ބުޚާރީ 361) މި ހަދީޘްގެ މައްޗަށް ބިނާކޮށް، އެކަލޭގެފާނު ނަމާދު ކުރެއްވިގޮތް އުނގަންނައިދިނުމަށް ޢަޞްރުން ސިލްސިލާކޮށް ކުރިއަށް ގެންދާ ވޯކްޝޮޕެކެވެ.
މިފަހަރުގެ މި މުހިންމު ނަމާދު ވޯކްޝޮޕް ޢަޞްރުން ކުރިއަށް ގެންދާނީ އަންނަ މެއި މަހުގެ 4 އަދި 5 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލް ހޯލްގައެވެ. މި ވޯކްޝޮޕްގައި ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އާއި ޝައިޚް ނިމާލް މުޙައްމަދު އުނގަންނަވައި ދެއްވާނެއިރު، މިފަހަރު ވޯކްޝޮޕް ބަރަކާތްތެރި ރަމަޟާން މަހާ ގާތްކޮށްފައި ބާއްވާއިރު، މިއީ ރަމަޟާން މަހުގެ ކުރިން އެންމެ ހެޔޮގޮތުގައި ނަމާދު ކުރަން ދަސްކުރުމާއި ފަރިތަކުރުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތެއްކަން ޢަޞްރުން ފާހަގަކޮށްފައިވެއެވެ.
ވޯކްޝޮޕްގައި ބައިވެރިވުމަށް ނަންނޯޓް ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާއިވާއިރު، އެސްއެމްއެސް ކޮށްގެންނާއި އޮންލައިންކޮށް ވެސް ނަންނޯޓް ކުރުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އެސްއެމްއެސް ކުރައްވާނަމަ، ފުރިހަމަ ނަން، އުފަން ތާރީޚް، ގުޅޭނެ ނަންބަރު، މިހާރު އުޅޭ އެޑްރެސް އަދި އީމެއިލް އެޑްރެސް ޖެއްސެވުމަށްފަހު މެސެޖް ކުރައްވާނީ 7925277 އަށެވެ. އޮންލައިކޮށް ރެޖިސްޓަރ ވުމަށް މި ލިންކަށް ފިއްތަވާލައްވާށެވެ. ( https://tinyurl.com/coolness2018 )
ނަންނޯޓް ކުރުމުން ޢަޞްރުން ވޯކްޝޮޕްގެ ބައިވެރިންނަށް ދިނުމަށް ކަނޑައަޅާފައިވާ ޓިކެޓް، އެ ޖަމުޢިއްޔާއިން ފޯރުކޮށްދެއްވާނެއެވެ. މި ވޯކްޝޮޕް ދެ ޖިންސުގެ އެންމެހާ ފަރާތްތަކަށް ހުޅުވާލާފައިވާއިރު، ބައިވެރިވެވޭނީ 15 އަހަރުން މަތީގެ ބޭފުޅުންނަށެވެ. ޢަޞްރުން އަންނަނީ ސްކޫލް ބަންދާ ދިމާކޮށް ކުޑަކުދިންނަށް ޚާއްސަކޮށްގެން ވެސް މި ފަދަ ވޯކްޝޮޕްތައް ހިންގަމުންނެވެ.
މިފަހަރުގެ ވޯކްޝޮޕް ކުރިއަށްދާނެ ގަޑިތައް:
* 4 މެއި 2018، ހުކުރު
- ހަވީރު 4 ން 6 އަށް
- ރޭގަނޑު 8 ން 10 އަށް
* 5 މެއި 2018، ހޮނިހިރު
- ހެނދުނު 9 ން މެންދުރު 12 އަށް
- ހަވީރު 4 ން 6 އަށް
- ރޭގަނޑު 8 ން 10 އަށް
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް