އެމްއެންޑީއެފްގެ ޝަރަފުގެ ހިނގާލުން މިއަދު ހުޅުމާލޭގައި

ސިފައިންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޝަރަފުގެ ހިނގާލުން މިއަދު ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި އޮންނާނެ އެވެ. އެމްއެންޑީއެފުން ބުނީ މި ހިނގާލުން ފެށޭނީ މިއަހު ހަވީރު 4:30 ގައި ކަމަށެވެ. ރާއ...

21 Apr 2018 | 08:44

ސިފައިންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޝަރަފުގެ ހިނގާލުން މިއަދު ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި އޮންނާނެ އެވެ.

އެމްއެންޑީއެފުން ބުނީ މި ހިނގާލުން ފެށޭނީ މިއަހު ހަވީރު 4:30 ގައި ކަމަށެވެ. ރާއްޖޭގައި ސިޔާސީ މަޝްރަހު ހަލަބޮލިވުމާއި ގުޅިގެން ހުޅުމާލޭގައި މި ހިނގާލުން ބާއްވާ މިއީ ތިން ވަނަ އަހަރެވެ.

ޝަރަފުގެ ހިނގާލުމުގެ އިތުރުން ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ފޮޓޯ މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ. މޮޅަދޫގައި އެވެ. މި މައުރަޒު ކުރިޔަށްދާނީ ހަވީރު 4:00 ން 6:00 އަށެވެ.

ފޮޓޯ މައުޒަރު މި ފަހަރު ބާއްވާ މޮޅަދުކީ ނޮވެމްބަރު، 3، 1988 ގެ އުދުވާނީ ޝަހީދުވި ކޯޕްރަލް މުހައްމަދު އިބްރާހީމް (މެކާނޯ) ގެ އުފަން ރަށެވެ. އެ ރަށުގައި ފޮޓޯ މައުރަޒު ބާއްވަން ނިންމީ އޭނާގެ ޒިކުރާ އާ ކުރުމުގެ ގޮތުންނެވެ.

އާންމުކޮށް ހުޅުވާލައިގެން ބާއްވާ މި ފޮޓޯ މައުރަޒުގައި ނޮވެމްބަރު، 3، 1988 ގައި ރާއްޖެ އަށް ކުރިމަތިވި ޢުދުވާނީ ހަމަލާގެ ފޮޓޯތަކާއި ގުދުރަތީ އެކިއެކި ހާދިސާތަކުގައި ސިފައިން ކޮށްފައިވާ ބައެއް މަސައްކަތްތައް ދައްކުވައިދޭ ފޮޓޯތަކާއި އިޖުތިމާއީ އެކިއެކި ހަރަކާތްތަކުގެ އިތުރުން ސިފައިންގެ ތާރީހާއި އަދި އޭގެ އިތުރުން ސިފައިންގެ ހުދުމަތްތަކާ ގުޅުން ހުރި ގިނަ ފޮޓޯތަކެއް ދައްކައިލާނެ އެވެ.

މިދިޔަ އަހަރު ސިފައިންގެ 125 ވަނަ އަހަރީ ދުވަހާ ދިމާކޮށް 20 ވަނަ ފޮޓޯ މައުޒަރު ބޭއްވީ އައްޑޫ ހުޅުމީދޫގަ އެވެ.

މީގެ އިތުރުން މިއަދު ވަނީ ސިފައިންގެ އަހަރީ ދުވަހާއި ގުޅުވައިގެން ނެރޭ އައްޑަނަ މަޖައްލާގެ 23 ވަނަ އަދަދު ނެރެފަ އެވެ. އަދި އަހަރީ ދުވަސް ފާހަގަ ކުރުމަށް ދިދަ ނެގުމުގެ ރަސްމިއްޔާތެއް ވަނީ ކަޅުތުއްކަލާ ކޮށީގައި ބާއްވާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް