އައްޑޫ ސިޓީގައި މޫދަށް އެރި އުޅުނު ކުދިންތަކެއް ގެއްލިގެން ހޯދަން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ އެ ކުދިން މޫދަށް އެރިގެން އުޅުނީ ހިތަދޫ ކޯއްޓޭ ސަރަހައްދަށް ކަމަށެވެ. މި ހާދިސާގައި ގެއްލިގެން ހޯދަން ފެށި ތިން ކުދިންނެވެ. އޭގެ ތެރެއިން އެއް ކުއްޖަކު މިހާރު ވަނީ ފެނިފަ އެވެ.
ކުއްޖާގެ ހާލަތާއި ބެހޭގޮތުން އަދި މައުލޫމާތު ސާފެއް ނުވެ އެވެ. އެކަމަކު އެ ކުއްޖާއަށް ދަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އެމްއެންޑީއެފުން ބުނީ އެ ކުއްޖާ ފެނުނީ ހިތަދޫ ފަޔާ ސްޓޭޝަންގެ ސިފައިން އެ ކުދިން ހޯދުމުގެ ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށެވެ.
އަނެއް ދެ ކުދިން ހޯދުމަށް އެމްއެންޑީއެފް ސަދަން އޭރިއާގެ ކޯސްޓްގާޑުން މިހާރު ވަނީ ހަރަކާތްތެރިވާން ފަށާފަ އެވެ.
ކުޑަކުދިންތަކެއް މޫދަށް އެރިފައިވާއިރު އައްޑޫ ސިޓީ ހިމެނޭ ސަރަހައްދަށް މޫސުން ގޯސްވެ ރޭވެސް އޮތީ ޔެލޯ އެލާޓު ނެރެފަ އެވެ. މެޓް އޮފީހުން ވަނީ ކަނޑުދަތުރު ކުރުމާއި އާންމު ދިރިއުޅުމުގައި ވެސް އެ ސަރަހައްދުތަކުގެ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން އުޅުމަށް އިލްތިސާމް ކޮށްފައި އެވެ.
(ތަފްސީލް އަންނަނީ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް