ޓޫރިސްޓު އޮކިއުޕެންސީ 73 ޕަސެންޓުގައި، ބޮޑު ކުރިއެރުމެއް

ޓޫރިޒަމް ދާއިރާއަށް ބޮޑު ކުރި އެރުމެއް ލިބި ރާއްޖެގެ އޮކިއުޕެންސީ 73 ޕަސެންޓަށް މަތިވެއްޖެ އެވެ. ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖޭގެ އެވްރ...

21 Apr 2018 | 07:36

ޓޫރިޒަމް ދާއިރާއަށް ބޮޑު ކުރި އެރުމެއް ލިބި ރާއްޖެގެ އޮކިއުޕެންސީ 73 ޕަސެންޓަށް މަތިވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖޭގެ އެވްރެޖު އޮކިއުޕެންސީ ހުރީ 73.9 ޕަސެންޓުގަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 69 ޕަސެންޓުގައި އެވެ. އެހެންވެ މިއީ 4.9 ޕަސެންޓް އިތުރު ވުމެކެވެ.

އެ މިނިސްޓްރީން ބުނީ މިއީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މިއީ ޓޫރިޒަމް ދާއިރާ ދަތުރު ކުރަމުންދަނީ ރަނގަޅު މިސްރާބަކަށް ކަން އަންގައިދޭ ހެޔޮ ފާލެއް ކަމަށެވެ.

މިދިޔަ މަހުގެ ނިޔަލަށް ރާއްޖެ އަށް 420,103 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. މިދިޔަ އަހަރު އައީ 359,053 ޓޫރިސްޓުންނެވެ. އެހެންވެ މިއީ އަދަދުގެ ގޮތުން ބަލާއިރު 17 ޕަސެންޓުގެ އިތުރުވުމެކެވެ.

މި އަހަރު އެންމެ ގިނައިން ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތްކޮށްފައި ވަނީ ޔޫރަޕްގެ ގައުމުތަކުންނެވެ. ޔޫރަޕުން ޒިޔާރަތް ކުރި ޓޫރިސްޓުންގެ ނިސްބަތް މިދިޔަ މަހާ ހަމައަށް އުޅެނީ 56.8 ޕަސެންޓުގަ އެވެ. އެއީ 238،696 ޓޫރިސްޓުންނެވެ. ދެން އެންމެ ގިނައިން އައިސްފައި ވަނީ އޭޝިއާ ޕެސިފިކްގެ ގައުމުތަކުންނެވެ. އެ ގައުމުތަކުން ޒިޔާރަތްކުރި ޓޫރިސްޓުންގެ ނިސްބަތަކީ 35.1 ޕަސެންޓެވެ. އެއީ 147،466 ޓޫރިސްޓުންނެވެ.

އެމެރިކާ އިން މިދިޔަ މަހުގެ ނިޔަލާ ހަމައަށް ރާއްޖެ އަށް ޒިޔާރަތްކޮށްފައި ވަނީ 19،107 ޓޫރިސްޓުންނެވެ. އަދި މެދުއިރުމަތީގެ ގައުމުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދަކީ 11،898 އެވެ. އެފްރިކާގެ ގައުމުތަކުން ޒިޔާރަތް ކުރީ 2،880 ޓޫރިސްޓުންނެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގެ 758 ތަނެއްގައި ދަނީ ޓޫރިސްޓުންނަށް ހިދުމަތް ދެމުންނެވެ. މި ތަންތަނުގައި ޖުމުލަ 41,894 އެނދު ގާއިމް ކޮށްފައިވެ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރި 710 ތަނާއި 38,719 އެނދާ ބަލާއިރު 8.2 ޕަސެންޓް އިތުރުވުމެކެވެ.

ރާއްޖެ އަންނަ ޓޫރިސްޓުން އިތުވެފައި މިވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހު ހަލަބޮލިވެފައިވާ ދުވަސްކޮޅެއްގައި ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމުތަކުން ރާއްޖެ އައުމުގައި ސަމާލުވުމަށް އިންޒާރު ދީފައި ވަނިކޮށެވެ.  އެކަމަކު އޭރުވެސް ރާއްޖޭގައި މަޝްހޫރު ފަރާތްތަކުން ޗުއްޓީ ހޭދަކޮށްފައިވާއިރު އެމީހުން ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ އަސަރު އެމީހުންނަށް ނުކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް