މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގަ އައްޑޫ އާއި ފުވައްމުލަކު ސިޓީއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ އައްޑޫ ސިޓީ ފޭދޫއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މަގުތަކުންނާއި ގޭގެއިން ފެން ހިންދުމުގެ މަސައްކަތް އިއްޔެއިން ފެށިގެން ކުރަމުންދާ ކަމަށެވެ. ފޭދޫގެ ބައެއް ސަރަހައްދުތަކުގައި ދެ ފޫޓަށް ފެންބޮޑުވެފައިވެ އެވެ.
ފުވައްމުލަކު ސިޓީގެ މަގުތަކުގައިވެސް ވަނީ ވާރޭވެހި ފެންބޮޑުވެފަ އެވެ. އެމްއެންޑިއެފުން ބުނީ އެ ސިޓީގެ މަގުތަކުން ފެން ހިންދުމަށް މޫދަށް ކާނުކޮނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ބައެއް ގޭގެއަށް ފެން ވަދެފައިވާތީ ފެން ވަނަ ނުދިނުމަށް ވެލި ބަސްތާ ޖެހުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
މެޓް އޮފީހުން ލަފާ ކުރާގޮތުގައި އެންމެ ދެކުނުގެ ހަތަރު އަތޮޅު ކަމަށްވާ ގއ، ގދ، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީއަށް މިއަދުވެސް މޫސުން ވަރަށް ގޯސްވާނެ އެވެ. އެގޮތުން ރޭ ވެސް އެ އަތޮޅުތަކަށް ޔެލޯ އެލާޓު ނެރެފައިވާއިރު އެ އިދާރާއިން ލަފާ ކުރާގޮތުގައި ބޯކޮށް ވާރޭވެހި އެ ސަރަހައްދަށް ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ އެވެ.
އެހެންވެ މޫސުމަށް ވަރަށް ބޮޑަށް ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސްކޮށްފައި އެވެ. ޔެލޯ އެލާޓު ނެރެނީ ދިމާވެދާނެ ހާދިސާއަކުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހަނދާން ކޮށްދިނުމުގެ ގޮތުންނެވެ.
މިދިޔަ އަހަރާއި އޭގެ ކުރީ އަހަރު ދެކުނުގެ އަތޮޅުތަކަށް ކުރި ވިއްސާރައިގަ ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އަދި ނަގޫ ރޯޅިއެއް އަރައި އައްޑޫގެ އާންމު ގިނަ ގޭގެއަކަށް ބޮޑެތި ގެއްލުންތަކެއްވެފަ ވެއެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް