އިދިކޮޅު ފަރާތްތަކާއި ސަރުކާރު އެއްބަސްވާ މެންބަރުންގެ މައްޗަށް އެކުލެވޭ އިލެކްޝަންސް ކޮމިޝަނެއް އެކުލަވާލުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލައިފި އެވެ.
އިދިކޮޅު ފަރާތްތަކުން މިކަމަށް ގޮވާލާފައިވަނީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއާއި ބެހޭގޮތުން ނެރެފައިވާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން އިސްލާހު ކުރުމަށް ސަރުކާރަށް ގޮވާލުމުގެ ގޮތުން ނެރުނު ނޫސްބަޔާނެއްގައި އެވެ. އެ ބަޔާނުގައި ބުނެފައިވަނީ އީޔޫއިން އިސްލާމް ދީނާ ދެކޮޅަށް ފާހަގަކޮށްފައިވާ ދެ މައްސަލަ ފިޔާ އެހެން މައްސަލަތައް ސަރުކާރުން އިސްލާހު ކުރަން ޖެހޭ ކަމަށެވެ.
އިދިކޮޅު ޕާޓީތައް ކަމަށްވާ އަދާލަތު ޕާޓީ، އެމްޑީޕީ، ޖޭޕީ އަދި ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފަރާތުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އިދިކޮޅު ފަރާތްތަކުން ބުނި ގޮތުގައި އިސްލާމް ދީނަށް ނިކަމެތިކަން ލިބޭނެ އެއްވެސް ގޮވާލުމަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އިޖާބަ ދޭނެ ކަންކަމެއް ނޫނެވެ. އެކަމަކު އިތުރަށް ފާހަގަ ކޮށްފައި ހުރި ކަންކަމަކީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމް ހަރުދަނާކޮށް، ޑިމޮކްރެޓިކް އުސޫލުން ދައުލަތް ހިންގުމަށާއި ރައްޔިތުންގެ ކިބައިން އުފެދިފައި އޮންނަ ރައްޔިތުންގެ ވެރިކަމެއްގެ ސިފަ ދިވެހި ދައުލަތުގައި އަށަގެންނެވުމަށް ކޮންމެހެން ލާޒިމް ކަންކަން ކަމަށެވެ.
އިދިކޮޅު ޕާޓީތަކުން ބުނީ ބައިނަލްއަގްވާމީ މުއާހަދާތަކުގައި ބައިވެރިވުމަށް ރާއްޖެ އިން މިހާތަނަށް ގެންގުޅެމުން އަންނަ އުސޫލަކީ އެހެނިހެން އިސްލާމީ ގައުމުތަކުން ވެސް އަމަލުކުރަމުން އަންނަ ފަދައިން އެ މުއާހަދާތަކުގައި ހިމެނޭ އިސްލާމް ދީނާ ޚިލާފު ކަންކަން ފިޔަވައި ދެ ހުންނަ ކަންކަމަށާއި ބައިނަލްއަގްވާމީ ފަރާތްތަކުން ދޭ އެ އިރުޝާދުތަކަށް އެ އުސޫލުން އަމަލު ކުރުން ކަމަށެވެ. އެކަން އަދި ވެސް އެހެން އޮންނަން ވާނެ ކަމަށް ބަޔާނުގައި ވެ އެވެ.
"ސިޔާސީ ޕާޓީތަކުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ މާތްވެގެންވާ އިސްލާމް ދީން އަމުރުކުރާ ފަދައިން އިންސާފު ގާއިމް ކުރުމަށާއި ސަރުކާރުން ހިންގަމުންގެންދާ އިސްލާމްދީނާ ދެކޮޅު ވައްކާމާއި ފަސާދައިގެ އެންމެހައި ކަންކަން ހުއްޓުވުމަށެވެ. ސަރުކާރުގެ ނޭއްގާނީ އަމަލުތަކާއި ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ އިސްލާމީވަންތަ ކަމަށް ބުރު އަރަމުންދާ ކަން މި ފުރުސަތުގައި ފާހަގަކުރަމެވެ،" ބަޔާނުގައި ވެ އެވެ.
އިސްލާމް ދީން އުޒުރަކަށް ހަދައިގެން، އިންތިޚާބާ ގުޅޭ ކަންކަން އިސްލާހު ކުރުމަށް ދެކޮޅު ހެދުމުގެ ބަދަލުގައި މިނިވަން އިންސާފުވެރި އިންތިޚާބަކަށް މަގުފަހި ކުރުމަށް އީޔޫގެ އިރުޝާދުތައް ތަންފީޒު ކުރުމަށްޓަކައި ގުޅިފައިވާ ސިޔާސީ ޕާޓީތަކާއި ސަރުކާރަށް އެއްބަސްވެވޭ މެމްބަރުންގެ މައްޗަށް އެކުލަވާލާ އިލެކްޝަންސް ކޮމިޝަނެއް އެކުލަވާލަން ލަސްނުކޮށް މަސައްކަތް ފެށުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލި އެވެ.
އެ ބަޔާނުގައި ބުނި ގޮތުގައި ޝަރުއީ ނިޒާމުގެ ތެރޭގައި ހިނގަމުންދާ ބޮޑެތި އެތައް މައްސަލައެއް ފާހަގަކޮށް އެ ކަންކަން އިސްލާހުކުރުމަށް މިދިޔަ ފެބްރުއަރީ 1 ގައި ސިޔާސީ އިދިކޮޅު ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރު ތަންފީޒު ކުރުމަކީ މުއައްސަސާތަކަށް އިތުބާރު އުފެއްދުމަށް ކުރަން ޖެހޭ ކަމެކެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލިސް ހިނގާނެ އެންމެހައި ދޮރުތައް ބަންދުކޮށް، އެ މަޖިލީހުގައި ތަޅު އަޅުވާފައި އޮންނަ އޮތުމަކީ ނިޒާމުގެ ތެރެއިން ކަންކަން އިސްލާހު ކުރުމަށް މެދުވެރިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.
އެހެންވެ، މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން އެ ކަންކަން ތަންފީޒު ކުރަން އިދިކޮޅު ފަރާތްތަކުން ގޮވާލާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް