އިންޑިއާގެ މަގުމަތީގައި ނިދާ ފަގީރު ދެމަފިރިއެއްގެ އަށް މަހުގެ ކުޑަ އަންހެން ކުއްޖަކު ރޭޕްކޮށް މަރާލާފައި އޮއްވަ ފެނިއްޖެ އެވެ.
މަދްޔަ ޕްރަދޭޝްގެ އިންދޯރްގައި އިއްޔެ ހިނގި މި ހާދިސާ އާއި ގުޅިގެން ފުލުހުން ވަނީ އެ ކުއްޖާ ރޭޕް ކުރީ ކާކުކަން އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖު މެދުވެރިކޮށް ދެނެގަނެފަ އެވެ. އެ ކުއްޖާގެ މައިންބަފައިންނާ ހަވާލާ ދީ ފުލުހުން ބުނީ އެ ކުއްޖާ ރޭޕްކޮށްފައިވަނީ އެމީހުންނާ ގާތްގުޅުމެއް އޮންނަ، މަގުމަތީގައި ނިދާ ސުނިލް ބީލް ކިޔާ މީހެކެވެ.
އެ ކުއްޖާ އިއްޔެ ރޭ މަގުމަތީގައި މަންމަ އާއި ބައްޕަ ކައިރީ ނިދާފައި އޮއްވަ ނަގައިގެން ގެންގޮސްފައިވަނީ ފަތިހު 4:55 ހާއިރު އެވެ. ރޭޕް ކުރުމުން ކުއްޖާއަށް ވަރަށް ބޮޑަށް ޖިންސީ އަނިޔާ ލިބިފައިވާއިރު ކުއްޖާގެ ބޯ ބިންމަތީގައި ޖެހުމުގެ ސަބަބުން ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އެ ކުއްޖާ ފެނިފައިވަނީ އެމީހުން ނިދާފައި ތިބިތަނާއި 50 ވަރަކަށް މީޓަރު ދުރުގައި ހުރި ފިހާރަ ބަރިތަކެއްގެ ކައިރީގައި އެއްލާލާފައި އޮއްވަ އެވެ. ބެލެވޭގޮތުގައި ކުއްޖާގެ ބޮލަށް އަނިޔާވެފައިވަނީ ރޭޕް ކުރުމަށް ފަހު މަރާލަން ކުއްޖާ ބިންމައްޗަށް އެއްލާލުމުންނެވެ.
މިހާތަނަށް ސުނިލް ބީލް ހޯދިފައި އެއް ނުވެ އެވެ. އެކަމަކު ފުލުހުން ބުނެފައިވަނީ ވަރަށް އަވަހަށް އޭނާ ހައްޔަރު ކުރެވޭނެ ކަމަށެވެ.
ރޭޕް ކުރުމަށްފަހު އަށް މަހުގެ ކުޑަ ކުއްޖަކު އެއްލާލާފައި އޮއްވަ ފެނިފައި މިވަނީ މިމަހުގެ ކުޜީކޮޅު 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރުމަށް ފަހު މަރާލި މައްސަލައިގަ އިންޑިއާގައި ހުއްޓުމެއް ނެތި މުޒާހަރާ ކުރަމުން ދަނިކޮށެވެ. އަދި ހައްގުތަކަށް ވަކާލާތު ކުރާ ބައެއް މީހުން ދަނީ ރޭޕް ކުރުމުގެ އަދަބު ކަނޑައެޅިފައިވާ ގާނޫނާއި މެދު ހިތްހަމަ ނުޖެހިގެން ބަނޑުހައި ހޫނު ކަމުގެ ހަޅުތާލު ކުރަމުންނެވެ.
އެމީހުންގެ މުޒާހަރާތައް ވަރުގަދަކުރަމުން ދަނިކޮށް މިދިޔަ އަންގާރަ ދުވަހުގެ ރޭ އުއްތަރް ޕްރަދޭޝްގެ އަވަށެއްގައި އޮތް ކައިވެންޏެއްގަ ބައިވެރިވުމަށް އާއިލާ އާއި އެކު ދިޔަ ނުވަ އަހަރުގެ ކުއްޖަކު ރޭޕްކޮށްފައި އޮއްވަ ވަނީ ފެނިފަ އެވެ. އަދި ޖެހިގެން އައި ބުދަ ދުވަހުގެ ރޭ އެ ސްޓޭޓްގެ އެހެން އަވަށެއްގައި އޮތް ކައިވެންޏެއްގައި ބައިވެރިވުމަށް ދިޔަ 10 އަހަރުގެ ކުއްޖަކު ރޭޕްކޮށް މަރާލާފައި އޮއްވަ ފެނިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް