ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވި 13 މީހުންގެ ތެރެއިން އިތުރު މީހަކު ބަލިން ރަނގަޅުވެއްޖެ އެވެ.
މިހާރު ރާއްޖޭގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދަނީ10 މީހުންނެވެ. މިއަދު ބަލިން ރަނގަޅުވިކަން އިއުލާނު ކުރީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ މުވައްޒަފެކެވެ. އެއީ އެ ރިސޯޓުގެ ޑޮކްޓަރެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ، ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ފަހުން ދެ ސާމްޕަލް ނެގިއިރު ވެސް އެ މީހާގެ ނަތީޖާ ދެއްކީ ނެގެޓިވްކޮށް ކަމަށެވެ. އެ މީހާގެ ފަހުގެ ދެ ސާމްޕަލް ނެގީ މިދިޔަ ބުދަ ދުވަހާއި އިއްޔެ އެވެ.
އޭނާއަށް ކޮރޯނާ ވައިރަސް ޖެހުނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު ދިޔަ އިޓަލީ ޓޫރިސްޓަކު ބައްޔަށް ޕޮސިޓިވްވި ފަހުންނެވެ. ރާއްޖޭގައި ވައިރަސް ފެތުރުނީ ކުރެއްދޫ ރިސޯޓުގައި އެކަންޏެވެ. އެ ރިސޯޓުން ފަސް މީހަކު ބަައްޔަށް ޕޮސިޓިވްވެފައިވެ އެވެ.
އެހެން ރިސޯޓުތަކުން ބައްޔަށް ޕޮސިޓިވް ވެފައިވަނީ ބޭރުން އައި ޓޫރިސްޓުންނެވެ. ކުރެއްދޫގައި ޕޮސިޓިވްވި ފަސް ބިދޭސީންނަކީ އެ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ.
ނަތީޖާ ނެގެޓިވް ވުމުން އިތުރު 14 ދުވަހު ހުންނަން ޖެހޭނީ ސަރުކާރުން ކަނޑައަޅާ އައިސޮލޭޝަން ފެސިލިޓީއެއްގައި އެވެ. އޭނާ އެއްކޮށް ދޫކޮށްލާނީ އޭގެ ފަހުން އަނެއްކާވެސް ވައިރަސްއަށް ޓެސްޓުކޮށް ނެގެޓިވް ވުމުންނެވެ
ރޭ ހެލްތް މިނިސްޓްރީން ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި ވައިރަހަށް ޕޮސިޓިވްވެގެން ފަރުވާ ދެމުންދިޔަ ދެމީހުން ބަލިން ރަނގަޅުވިކަން އިއުލާނުކޮށްފައި އެވެ. އޭގެ ތެރޭގައި ހާލު ވަރަށް ސީރިއަސްވި މީހަކުވެސް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް