ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމަށް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
މިއަދުން ފެށިގެން ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލުކުރުމަށް ބޭނުންވާ ފަރާތްތަކަށް ލޯނު ފުރުސަތަށް އެޕްލިކޭޝަން ހުށަހެޅުމަށް
މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ހުޅުވާލައިފިއެވެ.
އެ މިނިސްޓްރީން ބުނެފައިވާގޮތުގައި މި ފުރުސަތުގައި 242 ފަރާތަކަށް ލޯނު ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި އަލަށް ކިޔަވަންފަށާ 158 ދަރިވަރުންނާއި ކިޔަވަމުންގެންދާ 84 ދަރިވަރަކަށް ލޯނު ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. އަލަށް ކިޔަވަންފަށާ ދަރިވަރުންނަށް ލޯނު ދިނުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި އެ ދާއިރާއަކުން މަތީ ތަޢުލީމު ހާސިލުކުރެވެން ނެތް ދާއިރާތަކަށް އަމާޒުކޮށްގެންނެވެ.
ރާއްޖޭގެ ސްކިލް ޝޯޓޭޖް ލިސްޓްގައި ހިމެނޭ ދާއިރާތަކުގެ އިތުރުން އެހެނިހެން ދާއިރާތަކުންވެސް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް މި ލޯނަށް އެޕްލިކޭޝަން ހުށަހެޅިދާނެކަމަށްވެސް ބުނެފައިވެއެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ލޯނު ފުރުސަތު ހުޅުވާލިކަން އިޢުލާންކޮށްދެއްވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މި ފަހަރުގެ ލޯން ސްކީމަކީ ވަރަށް ފުޅާކޮށް ހުޅުވާލެވުނު ފުރުސަތެއްކަމާއި، މި ފުރުސަތުގެ ބޭނުން ހިފުމުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް، 55 އިންސައްތަ ކިޔަވާފައި ހުރުމަށް ޝަރުތު ނުކުރާކަމެށެވެ. އަދި މި ފަހަރު ހުޅުވާލި ފުރުސަތުގައި ހެރިޓޭޗް، ސްޕީޗް ތެރަޕީ ފަދަ ހާއްސަ ދާއިރާތަކުން މާސްޓަރސް ފެންވަރަށް ކިޔެވޭނެ މަގުފަހިވާނެކަމަށެވެ. މަތީ ތަޢުލީމާއި ތަމްރީނަށް ހުޅުވާލި މި ފުރުސަތުގައި ޑިޕްލޮމާ ފެންވަރުން ފެށިގެން ޕީ.އެޗް.ޑީއަށް ކިޔެވުމަށްވެސް ލޯން ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.
ލޯނު އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު 30 އޭޕްރިލް 2019 ގެ ނިޔަލަށް ހަމަވާއިރު، އޮންލައިންކޮށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީއިން ވަނީ ހުޅުވާލާފައެވެ. މިއަދު މި އިއުލާނު ކުރެވުނު ލޯނު ފުރުސަތާއި ބެހޭ މައުލޫމާތު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ވެބްސައިޓުން ލިބެންހުނާނެ ކަމުގައި އެ މިނިސްޓްރީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް