އުއްތަމަ ފަނޑިޔާރު، މައުމޫން، ފާރިސް، ސިޔާދު އަދި ހަސަން ޝަރީއަތް ނިމެންދެން ބަންދު

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން ސިޔާދު ގާސިމްގެ އިތ...

21 Mar 2018 | 18:57

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން ސިޔާދު ގާސިމްގެ އިތުރުން ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު  ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަުމުރު ކޮށްފި އެވެ.

މި ބޭފުޅުން ބަންދުގައި ބައިތިއްބަން އަމުރު ކުރީ މިއަދު އެކި ގަޑިތަކުގައި ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންދިޔަ މުއްދަތު މަޖިލީސް ތަކުގައި އެވެ. ރައީސް މައުމޫން ވަނީ އިއްޔެވެސް މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ގެންގޮސް ހަތް ގަޑި އިރު ވަންދެން ބައިންދާފަ އެވެ. އެކަމަކު ފަހުން ނިންމީ އެ މަޖިލީސް ކެންސަލް ކަމަށެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކުރީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ އާއި ގުޅިގެންނެވެ. މީގެ އިތުރުން ދައުލަތުން ވަނީ ދައުލަތް ހިންގުމަށް  އެޅިކަމުގެ ދައުވާ ކޮށްފަ އެވެ. ޖިނާއީ ބޮޑެތި ތުހުމަތުތަކެއްގައި އުއްތަމަ ފަނޑިޔާރު މިދިޔަ މަހު ހައްޔަރު ކުރުމާ ގުޅިގެން އެމަނިކުފާނު މިހާރު ހުންނެވީ ފަނޑިޔާރު ކަމުން ސަސްޕެންޑް ކޮށްފަ އެވެ.

ރައީސްގެ މައުމޫންގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ކުރީ ދައުލަތުން އަުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިމެންދެންނެވެ. މައުމޫންގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އާއި އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާ އުފުލާފައި އެވެ.

މި ދެ ބޭފުޅުންގެ އިތުރުން ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައި އެވެ. ފާރިސްގެ މައްޗަށްވެސް ދައުލަތުން އުފުލާފައިވަނީ ޓެރަރިޒަމްގެ ދައުވާ އެވެ. ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ފާރިސް ހައްޔަރުކޮށް މިދައުވާ ކުރަން ޖެހުނު ސަބަބެއް އަދި ނޭނގެ އެވެ.

ދެން ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން އަމުރު ކުރީ ސިޔާދު ގާއިމް އާއި ހަސަން ސައީދުގެ މައްޗަށް އުފުލާފައވާ ރިޝްވަތުގެ ދައުވާ އާއި ގުޅިގެންނެވެ.

ސިޔާދު ރިޝްވަތު ދެއްވި ކަމަށް ދައުވާ ކޮށްފައިވަނީ އޭނާ ސޮއިކޮށް ވިލާ ކުންފުނިން ދީފައިވާ ލިޔުމެއްގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ރާއްޖެއިން ބޭރުން ގަތް މުދާތަކަކަށް ފައިސާ ދައްކަން 2.4 މިލިއަން ޑޮލަރު ދީފައިވާ މައްސަލާގަ އެވެ.

ހަސަން ސައީދުގެ މައްޗަށް ރިޝްވަތުގެ ދައުވާގެ އިތުރުން ދައުލަތް ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ އުފުލާފައިވެ އެވެ. ޕީޖީ އޮފީހުން ބުނީ ހަސަން ދިރިއުޅޭ ގެ ފާސް ކުރިއިރު އޭނާ ނިދާ ގޮދަޑި ދަށުން 350،000ރ. އާއި 3،300 ޑޮލަރު ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ ކޮޓަރިން ފެނުނު ދަބަހަކުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ރާއްޖެއިން ބޭރުން ގަނެފައިވާ މުދާތަކަށް ވިލާ ކުންފުނިން 2.4 މިލިއަން ޑޮލަރު ދައްކާފައިވާ ކަން އެނގޭ ލިޔުމެއް ވެސް ފެނިފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް