މިއަދު ފާހަގަ ކުރަމުންދާ ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހުގެ މުނާސަބަތުގައި ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންދަން ނިންމައިފި އެވެ.
ބިއުޓިފުލް އައި ސިންޑްރޯމް އެސޯސިއޭޝަނުން އިންތިޒާމް ކުރާ މި ހަރަކާތްތައް ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ މިއަދު ހަވީރު ސޯޝަލް ސެންޓަރު ސަރަހައްދުގައި އެވެ. މި ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ 4:00 ގައި އެވެ.
މި ހަރަކާތްތަކުގެ ޝަރަފުވެރި މެހެމާނަކީ ހެލްތް މިނިސްްޓަރު އަބްދުﷲ ނާޒިމެވެ. މީގެ އިތުރުން ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އާއި އެ މިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނަވާނެ އެވެ.
ހަރަކާތްތައް ފެށުމުގެ ގޮތުން "ބަޑީ ވޯކް" ގެ ނަމުގައި ހިނގާލުމެއް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި އެވެ. މި ހިނގާލުމުގައި ބައިވެރިވުމަށް ވީހާވެސް ގިނަ ފަރާތްތަކުން އެ އެސޯސިއޭޝަނުން ވިއްކާ ޓީޝާޓެއް ގަތުމަކީ އެދޭ ކަމެކެވެ.
ހިނގާލުން ނިންމާލުމަށް ފަހު ވައިގެ ތެރެއަށް ފުއްޕާހަން ދޫކުރުމުގެ ހަރަކާތެއްގެ އިތުރުން ޑައުން ސިންޑްރޯމް ހުންނަ ކުދިންގެ ތެރެއިން އަލަށް އެ އެސޯސިއޭޝަނާއި ގުޅުނު ކުދިންގެ ބެލެނިވެރިންނަށް ހާއްސަކޮށް ދިވެހިން ތައްޔާރުކޮށްފައިވާ މައުލޫމާތު ފޮތެއް ދިނުން އޮންނާނެ އެވެ.
މީގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކެއް އެ ސަރަހައްދުގައި ކުރިޔަށް ދާނެ އެވެ.
ޑައުންސިންޑްރޮމް ދުވަސް ފާހަގަ ކުރަނީ އުފެދުމުގައި އައިބު ހުންނަ ކުދިން މުޖުތަމައުގައި ބައިވެރި ކުރުމަށް ބާރު އެޅުމުގެ ގޮތުންނެވެ.
މުޅި ދުނިޔޭގައި ކޮންމެ އަހަރެއްގައި 21 މާޗު ފާހަގަ ކުރަނީ ޑައުންސިންޑްރޮމް ދުވަހުގެ ގޮތުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް