ރާއްޖޭގައި އެޗް1އެން1 އިންފްލުއެންޒާ ފެތުރެމުން އަންނައިރު ހުއްދަނެތި ވެކްސިން އެތެރެ ނުކުރުމަށް ހެލްތު މިނިސްޓްރީން އިލްތިމާސް ކޮށްފި އެވެ.
ހެލްތު މިނިސްޓްރީން މިކަމަށް އިލްތިމާސް ކޮށްފައިވަނީ އިންފްލުއެންޒާ ވެކްސިން ރާއްޖެއަށް އެތެރެކުރުމާ ގުޅޭގޮތުން އެ މިނިސްޓްރީން މިއަދު ނެރެފައިވާ އިއުލާނެއްގަ އެވެ.
އެ އިއުލާނުގައި ބުނެފައިވަނީ ރާއްޖޭގައި މިދުވަސްވަރު އަރިދަފުސް ރޯގާ އާއި އިންފުލުއެންޒާ ފަދަ ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވަމުން ދިއުމާއި ގުޅިގެން އިންފްލުއެންޒާ ވެކްސިން، ރާއްޖެއަށް ދަތުރު ކުރައްވާ ފަސިންޖަރުން ގެނައުން ދަނީ އިތުރުވަމުން ކަމަށެވެ.
"އިންފްލުއެންޒާ ވެކްސިން އަކީ އުފައްދާ ވަގުތުން ފެށިގެން ވެކްސިން ބޭނުން ކުރުމާއި ހަމައަށް 2oC-8oC ގައި ބަހައްޓަންޖެހޭ، މި ނޫން ގޮތަކަށް ގެންގުޅެފިނަމަ ހަލާކުވާނެ އެއްޗެކެވެ. މިފަދަ ވެކްސިން ބޭނުންކުރުމަކީ އޭގެ ސަބަބުން ސިއްހަތައް ނޭދެވޭ އަސަރު ކޮށްފާނެ ކަމެކެވެ. ވެކްސިން ގެނައުމުގައި އަމަލުކުރަންޖެހޭ މިންގަޑުގައިވާ ގޮތުން، ޕެކްކުރުމާއި ގެންގުޅުމުގެ އެއްވެސް މަރުހަލާ އެއްގައި ވެކްސިން އަށް ގެއްލުމެއްވާ މިންވަރަކަށް ފިނިހޫނުމިނަށް ބަދަލު އަތުވެއްޖެނަމަ، އެކަން އެނގޭނެ ޑިވައިސްއެއް އެޕެކްގައި ނުވަތަ ކޮންޓެއިނަރ ގައި ހިމެނެންވާނެއެވެ." ހެލްތު މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވެ އެވެ.
އެ އިއުލާނުގައި ބުނެފައިވަނީ އެހެންކަމުން، ވެކްސިންގެ ރައްކާތެރިކަން ކަށަވަރުނުވާ ފަދަ ގޮތްގޮތަށް އަދި އެކަމުގެ ހުއްދަ ނެތި ވެކްސިން ރާއްޖެއަށް އެތެރެ ނުކުރުމަށާއި މިފަދަ ވެކްސިން ބޭނުން ނުކުރެއްވުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް