ސިޔާސީ މަޤްސަދު ހާސިލްކުރުމަށް ވިޔަފާރިތަކަށް ދުއްތުރާކުުރުން ހުއްޓާލުމަށް އެމްޑީޕީ އިން ގޮވާލައިފި

ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކުރެވިގެން ސައްޙަގޮތުގައި ހިންގާ ސައްތައިން ސައްތަ ދިވެހި އަދި ބޭރުގެ ވިޔަފާރިތަަކަށް އެކި ގޮތްގޮތުން ދަތިކޮށް، ސިޔާސީ ބޭނުމަށް އެ ފަރާތްތައް ފިއްތައި ކޯޓުތައް މެދުވެރިކޮށް...

21 Mar 2017 | 15:05

ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކުރެވިގެން ސައްޙަގޮތުގައި ހިންގާ ސައްތައިން ސައްތަ ދިވެހި އަދި ބޭރުގެ ވިޔަފާރިތަަކަށް އެކި ގޮތްގޮތުން ދަތިކޮށް، ސިޔާސީ ބޭނުމަށް އެ ފަރާތްތައް ފިއްތައި ކޯޓުތައް މެދުވެރިކޮށް ވިޔަފާރިތަކަށް ސަރުކާރުން ދުއްތުރާ ކުރަމުން ގެންދާ ކަމަށްބުނެ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން އެކަން ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްޑީޕީ އިން މިއަދު ނެރުނު ނުސްބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ސިޔާސީ މަޝްރަޙަށް ބަދަލު އަންނަ ކޮންމެ ދަނޑިވަޅެއްގައި ވިޔަފާރިވެރިންނަށް ކޯޓުތަކާއި މީރާ ފަދަ މިނިވަން މުވައްސަސާތައް މެދުވެރިކޮށް ސަރުކާރުން ތަފާތު އެކި އުނދަގޫތަކާއި ގެއްލުން ކުރިމަތިކުރާކަމަށެވެ.  އަދި ސަރުކާރާއެކު ވެފައިވާ އެއްބަސްވުންތައް ޤާނޫނީ ހުއްޖަތެއް ނެތި ބާޠިލް ކުރަމުން އަންނަކަމީ އެ  ޕާޓީ އިން ކަންބޮޑުވާ ކަމެއް ކަމަށްވެސް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

"ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް މި ރާއްޖޭގައި ވިޔަފާރި ކުރެވޭނެ އުސޫލްތައް އެކުލަވާލެވިފައިވާއިރު އެކަން އެގޮތަށް ނުހިނގުމުން ގެއްލުން ލިބޭނީ ދިވެހިރައްޔިތުންނަށެވެ. ވިޔަފާރިތަކުން ނަގާ ޓެކްސް ކޮންމެ އަހަރަކުވެސް އިތުރުވަމުން އަންނަ އިރު ވިޔަފާރިކުރާ ފަރާތްތަކަށް ދެވޭ ޚިދުމަތްތައްވެސް ހަރުދަނާވާންޖެހެއެވެ. ސަރުކާރުން އެދޭހާ ގޮތް ނުވާ ކޮންމެ ވަގުތެއްގައި ވިޔަފާރިތައް ފިއްތައި، ސިޔާސީ ޙުކުމްތައް ކުރުމުން އުފެއްދުންތެރިކަމަށް އެކަމުގެ އަސަރުކާރާނެއެވެ. އަދި ރާއްޖެއާ މެދު އިންވެސްޓަރުންގެ އިތުބާރު މިހާރުވެސް ދަށްވެފައިވާކަމަށް މާލީ އިދާރާތަކުން ބުނާއިރު، އެކަން އިތުރަށް ހީނަރުވާނެއެވެ. ބައިނަލްއަޤްވާމީ ކޯޓުތަކުގައި ރާއްޖޭގެ ކުންފުނިތަކާއި ވިޔަފާރިތައް ޖޫރިމަނާ ކުރުމުން ދަށު ކޯޓުތައް މެދުވެރިކޮށް ސިޔާސީ ޙުކުމް ނެރެމުންދާކަމީވެސް ދުނިޔޭގެ ވިޔަފާރިތަކުގެ މެދުގައި ރާއްޖޭގެ އަގު ވެއްޓޭނެ ކަމެކެވެ." ބަޔާނުގައި ވެއެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީީ ޤާނޫނާ ޤަވާއިދާ ޚިލާފަށް ސިޔާސީ މަޤްޞަދުގައި ނިންމާ ކަންކަމާއި ސޮއިކުރެވޭ އެގްރީމަންޓުތައް ދެން އުފެދޭ ސަރުކާރަކުން ބާޠިލް ކުރާނެކަމަށާއި ބޭއިންސާފުން އަތުލެވޭ މުދާތަކާއި ބާޠިލްކުރެވޭ އެގްރީމަންޓުތައް އިއާދަވެސް ކުރެވޭނެކަމަށެވެ. އެހެންކަމުން ސިޔާސީ މަންފާއެއް ހާސިލްކުރުމަށް ވިޔަފާރިވެރިންނަށް ސަރުކާރުން ކުރަމުން އަންނަ އުނދަގޫތަކާއި ދުއްތުރާތައް މިހާރުން މިހާރަށް ހުއްޓާލުމަށް އެމްޑީޕީ އިން ވަނީ ގޮވާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް