ށ އަތޮޅު ބިލެއްފަހީގައި ޓުއަރިޒަމް ތަރައްޤީ ކުރުމަށް ހުއްދަދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށް އެ މަސައްކަތް ކުރުމަށް ރަށު ކައުންސިލާ ހަވާލުކޮށްފިއެވެ.
ޓުއަރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން ޓުއަރިޒަމް ތަރައްޤީ ކުރުމަށް ހުއްދަދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރެވެ. އަދި ބިލެއްފަހީ ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކައުންސިލްގެ ރައީސް އަބްދުﷲ ޒިޔާދެވެ.
މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޒަމީރުު ވިދާޅުވީ ބިލެއްފަހި ސަރަހައްދުގައި ޓުއަރިޒަމް ތަރައްގީ ކުރުމަށް ރައީސް ޔާމީންގެ ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. މީގެ އިތުރުން ކައުންސިލުންނާއި، އެރަށް ހިމެނޭ ދާއިރާގެ މަޖިލީސް މެމްބަރުންވެސް ދާއިރާގެ ތަރައްޤީއަށް މަސައްކަތްކުރަމުން އަންނަކަމަށް މިނިސްޓަރ ގެ ވާހަކަފުޅުގައި ވަނީ ފާހަގަކޮށްފައެވެ.
ޓުއަރިޒަމްގެ މަސައްކަތް ތަރައްޤީ ކުރުމަށް އެއްބަސްވެފައިވަނީ ބިލެއްފަހީގެ ތުނޑީގައި ކަމަށާއި އެ މަސައްކަތް ކާމިޔާބު ވެއްޖެނަމަ ޒުވާނުންނަށް ވަރަށް ގިނަ ވަޒީފާގެ ފުރުސަތުތައް ހުޅުވޭނެ ކަމަށް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލްގެ ރައީސް އަބްދުﷲ ޒަމީރު ވަނީ ވިދާޅުވެފައެވެ. ބިލެއްފަހި ތުނޑީ ސަރަހައްދުަގައި މޫދު ވިލާގެ އިތުރުން ޓުއަރިޒމް އަށް ބޭނުންވާނެ ހުރިހާ ވަސީލަތެއް ޤާއިމް ކުރާނެ ކަމަށާއި ތިން މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް