މިހާރު ފެތުރެމުންދާ އިންފްލުއެންޒާ ރޯގާގެ ހަބަރުތައް ބައެއް ބްރޯޑްކާސްޓަރުން ފަތުރަމުންދަނީ އާންމުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނަފުރަތު އުފެދޭ ގޮތަށް ކަމަށާއި މިގޮތަށް އަމަލުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމުގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބުނެފި އެވެ.
ބްރޯޑްކޮމް އިން މިހެން ބުނެފައިވަނީ މިއަދު އާއްމުކޮށްފައިވާ ސާކިއުލާއެއްގަ އެވެ. އެ ސާކިއުލާގައި ބުނެފައިވަނީ ދިވެހި ދައުލަތުގެ ޚާރިޖީ ގުޅުންތަކާއި ދޭދޭ ޤައުމުތަކުގެ މެދުގައި ޤާއިމްކުރެވިފައިވާ އެކުވެރިކަމުގެ ގުޅުންތަކަށް ބުރޫއަރާ ގޮތަށާއި ދިވެހި ޤައުމުގެ ރީތި ނަން ބޭރު ދުނިޔޭގައި ކިލަނބުވާ ގޮތަށް އަދި ޓެރަރިޒަމްއަށް ހިއްވަރު ލިބޭގޮތަށް ސާބިތު ނުހިފޭ ދޮގު ވާހަކަތައް ބައެއް ބްރޯޑްކާސްޓަރުން ފަތުރަމުންދާކަނއެ ކޮމިޝަނަށް ފާހަގަކުރެވިފައިވާކަމަށެވެ.
"އަދި ރާއްޖޭގައި މިހާރު ފެތުރެމުންދާ އިންފްލުއެންޒާ ރޯގާގެ ޚަބަރުތައް އާންމުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނަފުރަތު އުފެދޭ ގޮތަށް ފަތުރަމުންދާކަން ވެސް ވަނީ ފާހަގަކުރެވިފައެވެ. މީގެ ތެރެއިން ބައެއް ކޮންޓެންޓަކީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ޤަވާއިދާއި ކޯޑް އޮފް ޕްރެކްޓިސް އަދި އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާ ފުށުއަރާ ކަމަށް ފާހަގަކުރެވޭ ކޮންޓެންޓް ކަމަށް މި ކޮމިޝަނަށް ފާހަގަކުރެވެއެވެ. އަދި މި ފަދަ އަމަލުތައް މި ކޮމިޝަނުން ކުށްވެރިކުރަމެވެ." ބްރޯޑްކޮމްގެ ސާކިއުލާގައި ބުނެފައި ވެ އެވެ.
އެ ސާކިއުލާގައި އިތުރަށް ބުނެފައިވަނީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ގަވާއިދާއި ކޯޑް އޮފް ޕްރެކްޓިސް އަދި އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ތެރެއިން ބްރޯޑްކާސްޓަރުންގެ މަސްއޫލިއްޔަތާއި ޒިންމާ އަދާކުރުމަށް މި ފުރުޞަތުގައި ހުރިހާ ބްރޯޑްކާސްޓާރުންނަށް އެ ކޮމިޝަނުން ނަސޭހަތްތެރިވާކަމަށާއި އަދި މިއާ ޚިލާފަށް އަމަލުކުރާ ބްރޯޑްކާސްޓަރުންނާމެދު ޤާނޫނާއި ގަވާއިދުގެ ތެރެއިން ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް