އަންނަ މެއި މަހުގެ ހަ ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓަށް އިތުރުވި މީހުންގެ ނަންތަކާއި އެކު ވޯޓާސް ލިސްޓު ގެޒެޓު ކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އަލަށް އެކުލަވާލި ވޯޓާސް ލިސްޓު، ގެޒެޓުގެ އިތުރުން ހުރިހާ ސިޓީ، އަތޮޅު އަދި ރަށު ކައުންސިލްތަކުގެ އިދާރާތަކުގައި ފެންނަން ހުންނާނެ ކަމަށެވެ.
ވޯޓާސް ލިސްޓު އާންމު ކުރުމާއި އެކު ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ މިއަދުން ފެށިގެން މިމަހުގެ 25 ގެ ނިޔަލަށް ހުޅުވާލާފައި އެވެ. ޝަކުވާ ހުށަހެޅުމުގެ ފޯމް އީސީންނާއި ކައުންސިލް އިދާރާތަކުން ލިބޭނެ އެވެ.
ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 8:30 ން މެންދުރު ފަހު 3:00 އަށެވެ. ބަންދު ދުވަސްތަކުގައި ޝަކުވާ ބަލައިގެންނާނީ ހުކުރު ދުވަހު މެންދުރު ފަހު 3:000 ން ހަވީރު 5:00 އަށެވެ. އަދި ހޮނިހިރު ދުވަހު ހެނދުނު 9:00 ން މެންދުރު ފަހު 3:00 އަށެވެ.
މެއި މަހުގެ ހަ ވަނަ ދުވަހަށް އިންތިހާބު ފަސް ކުރީ މިހާރު ރާއްޖޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ސްވައިން ފްލޫ އާއި ގުޅިގެން ނެވެ. މިއީ ކައުންސިލް އިންތިހާބު ފަސް ކުރި ތިން ވަނަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް