ދިވެހިން ދިވެހީންގެ ގޮތުގައި ------ އަބަދަށް !

ގައުމެއް ކުރިއަރައިދާނީ ހަމަ އެކަނި ގައުމަށް އަންނަ އުމްރާނީ ތަރައްގީއަކުން ނޫނެނެވެ. ފަރުދީ ގޮތުން އަދާކުރަން ޖެހޭ ޒިންމާތަކެއް ހުންނާނެ ކަމަށް ގަބޫލުކޮށް ކޮންމެ ފަރުދަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ...

21 Mar 2017 | 06:53

ގައުމެއް ކުރިއަރައިދާނީ ހަމަ އެކަނި ގައުމަށް އަންނަ އުމްރާނީ ތަރައްގީއަކުން ނޫނެނެވެ. ފަރުދީ ގޮތުން އަދާކުރަން ޖެހޭ ޒިންމާތަކެއް ހުންނާނެ ކަމަށް ގަބޫލުކޮށް ކޮންމެ ފަރުދަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ ވެސް އަދާކޮށްގެން މެ އެވެ.

މިއަދު މިވަނީ ސިއްހީގޮތުން ނުރައްކާތެރި ހާލަތަކާ ކުރިމަތިލާން ޖެހިފަ އެވެ. ފެތުރެމުންދަނީ ހަމަ އާދައިގެ ރޯގާއެއްކަމުގައި ބަޔަކު ބުންޏަށް ތަފާސް ހިސާބުތަކަށް ބަލައިލީމާ ރޯގާގެ ނުރައްކާ ވަޒަން ކޮށްލެވެ އެވެ. މި މަސް ތެރޭގައި ތިން މީހަކު ނިޔާވެފައިވާއިރު ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް މިދަނީ މައްޗަށެވެ. އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު އިއްޔެ ދެގުނަ އިތުރުވެގެން ދިޔަ އެވެ.

ސިއްހަތާއި ބެހޭ ފަރާތްތަކުން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން އަންނަނީ ބައްޔާއިމެދު ރައްޔިތުން އިތުރަށް ހޭލުންތެރި ކުރުވުމަށެވެ. އިލްތިމާސް ކުރަމުން އަންނަނީ ބަލީގެ އަލާމާތެއް ފެންނަ ނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ އެހީ ހޯދުމަށެވެ. ހާއްސަ ފްލޫ ކްލިނިކްތައްވެސް ހުޅުވާފައި އެވަނީ ކަމުގެ ސީރިއަސް ކަމުންނެވެ.

އެޗް1އެން1 އިންފްލުއެންޒާ ފެތުރެމުން އަންނައިރު މިކަމާ އެއްމެ ކަންބޮޑުވާނީ އާއްމު ރައްޔިތުން ކަމާމެދު ޝައްކެއް ނެތެވެ. އެހެނަސް މިހާރު މާލޭގެ މަގުމައްޗަށް ބަލައިލީމާ ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. އައިޖީއެމްއެޗް ވަށާ ބުރެއް ޖަހާލީމާ މިއަދު ހެނދުނު އެކަނިވެސް 54 މާސްކު، މަގުމަތިން ފެނުނު ވާހަކަ ބުނުމުން ކިޔުންތެރީންނަށް ގަބޫލު ކުރަން ދަތިވެދާނެ އެވެ. ނަމަވެސް ހަގީގަތަކީ މި އީ އެވެ.

ހަމަ އެކަނި އައިޖީއެމްއެޗް ސަރަހައްދު އެކަންޏެއް ނޫނެވެ. މުޅި މާލޭގައިވެސް މަގުމަތީގައި މިހާރު އެއްމެ ގިނަ އެކައްޗަކަށް ވެފައިމިވަނީ ބޭނުންކުރުމަށްފަހު މަގުމައްޗަށް އުކާލާފައިވާ މާސްކެވެ. ކަމުގެ ނުރައްކާ ހަމަ ނުވިސްނެނީ ތޯ އެވެ. ؟ މި ސުވާލަށް ޖަވާބު ދިނުމާއި ލިޔުމުގެ ސުރުހީ ފުރިހަމަ ކޮށްލުމަށް ކިޔުންތެރީންނަށް ދޫކޮށްލާނަމެވެ.

ރޯގާ ފެތުރޭއިރު، މިކަމުން އަވަހަށް ސަލާމަތް ވުމަށް އެންމެން މެ ބޭނުންވާއިރު މިގޮތަށް އަމަލު ކުރުމަކީ ރޯގާ ފެތުރުން ހުއްޓުވުމަށް އެޅޭ ހުރަހަކަށް މެނުވީ ނުވާނެ އެވެ. އެމެރިކާގެ ސެންޓަރ ފޯރ ޑިޒީޒަސް ކޮންޓްރޯލުން ފާހަގަކޮށްފައިވާ ގޮތުގައި ބޭނުންކޮށްފައި ހުންނަ މާސްކުތަކަކީ ބޭނުންކުރުމަށްފަހު އެއްމެ ރައްކާތެރި ގޮތުގައި ނައްތާލެވެން ޖެހޭ އެއްޗެކެވެ. ނޫންނަމަ އެ މާސްކުތަކަކީ ބަލީގެ ހާއްޔަކަށް ވެގެން ދާނެކަމުގައި އެ ސެންޓަރުގެ ބައެއް އާޓިކަލްތަކުގައި ފާހަގަކޮށްފައި އެވެ.

މިފަދަ ތާކުންތާކު ނުޖެހޭ ނޭތްގާނީ އަމަލުތައް އަހަރެމެން ހުއްޓަން ޖެހެ އެވެ. ގުޅިގެން އެކުގައި ފަރުދީ ޒިންމާ އަދާކޮށްގެން މެނުވީ މިފަދަ ބަލިމަޑު ކަމަކުން ސަލާމަތް ވުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް