ބައެއް ގައުމުތަކުގައި މާސް ރޯގާ ފެތުރެން ފަށައިފި

ޖަނަވާރުންގެ ގައިން އިންސާނުންގެ ގަޔަށް އެރި ސްވައިން ފްލޫ އެކޭ އެއްގޮތަށް އިންސާނުންނަށް ޖެހެންފެށި "މާސް ރޯގާ" ދުނިޔޭގެ ބައެއް ގައުމުތަކުގައި ފެތުރެން ފަށައިފި އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލ...

21 Mar 2017 | 06:13

ޖަނަވާރުންގެ ގައިން އިންސާނުންގެ ގަޔަށް އެރި ސްވައިން ފްލޫ އެކޭ އެއްގޮތަށް އިންސާނުންނަށް ޖެހެންފެށި "މާސް ރޯގާ" ދުނިޔޭގެ ބައެއް ގައުމުތަކުގައި ފެތުރެން ފަށައިފި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނެފައިވަނީ މާސް ރޯގާ ޖެހިގެން މިއަހަރުގެ މިހާތަނަށް ދުނިޔޭގެ އެކި ހިސާބުތަކުން 33 މީހުން މަރުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގިނައީ މުސްލިމް މެޖޯރިޓީ ގައުމުތަކުގައި އުޅެނިކޮށް އެ ވައިރަސް ޖެހިފައިވާ މީހުން ކަމަށް ބުނެފައިވެ އެވެ.

މާސް ރޯގާ އެންމެ ފުރަތަމަ ފެނިފައިވަނީ 2012 ވަނަ އަހަރު ސައުދީ އަރަބިއްޔާއިން ނެވެ. އެހެންވެ މި ބައްޔަށް ދީފައިވަނީ ނަމަކީ މިޑްލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާ ވައިރަސް (މާސް) އެވެ.

މިހާރުވެސް ސައުދީ އަރަބިއްޔާގައި އެ ރޯގާއަށް ޝައްކު ކުރެވޭ 44 މީހަކު އެބަތިއްބެވެ. އަދި ސައުދީ މީހަކު ވަނީ އިނގިރޭސިވިލާތުގައި މި ބަލިޖެހިގެން މަރުވެފައި އެވެ.

މާސް ރޯގާ ފެތުރެމުންދާކަމަށް ބެލެވިފައިވާ ގައުމުތަކުގެ ތެރޭގައި ގަތަރު، އަބޫ ދާބީ، ސައުދީ އަރަބިއްޔާ އަދި ޓިއުނީޝިއާ އާއި އިނގިރޭސިވިލާތް ހިމެނެ އެވެ. އިނގިރޭސިވިލާތުގައި މި ބަލި ޖެހުނު ދެ މީހުންނަކީ މެދުއިރުމަތީގެ ގައުމުތަކަށް ދަތުރުކޮށްފައިވާ ދެމީހުން ކަމަށްވެ އެވެ.

ސައުދީން އެ ރޯގާ ފެނުނު ފަހުން އަބަދުވެސް މާސް ރޯގާ ޖެހިގެން ކޮންމެސް ވަރަކަށް ރިޕޯޓު ކުރެ އެވެ. އެކަމަކު މިހާރު އެ ރޯގާ ފެތުރެމުންދާ ހަލުވި މިނާއި، މީހުން މަރުވަމުންދާ ރޭޓާއި މެދު ކަންބޮޑުވާކަމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ބުނެ އެވެ.

މާސް ރޯގާ އާއި އެއްވައްތަރު ނަމެއް އަދި އެއްގޮތަކަށް އިންސާނުންނަށް ބަލި އަރާފައިވާ ރޯގާއެއް ފުރަތަމަ ފެތުރުނީ އޭޝިއާ ސަރަހައްދުގައި އެވެ. 2003 ވަނަ އަހަރު ޖަނަވާރުންގެ ގައިން އިންސާނުންނަށް އެރި އެ ބައްޔަށް ދީފައިވާ ނަމަކީ " ސާސް ރޯގާ" އެވެ.

މާސް ރޯގާ ޖެހުމުން ނޭވާލާ ނިޒާމަށް އޭގެ އަސަރުކޮށް ފުއްޕާމޭގައި އިންފެކްޝަން އުފެދެ އެވެ. އަދި މާސް ރޯގާގެ ސަބަބުން އެންމެ ތަފާތު ކަމެއްގެ ގޮތުގައި ކިޑްނީ ފެއިލްވުމަށް މަގުފަހިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް