މެޑަމް ފާތުން އިސްނެންގެވުމުގެ މަތިން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެޗް1އެން1 ވެކްސިން ދެއްވުމަށް ކުރިޔަށް ގެންދަވާ ޕްރޮގްރާމްގެ ދަށުން 100 ކުއްޖަކަށް ވެކްސިން ދީފިއެވެ.
އާސަންދަ އާއި އެންސްޕާ މެދުވެރިކޮށް ކުރިޔަށްގެންދަވާ މި ޕްރޮގްރާމްގެ ދަށުން ވެކްސިން ދެމުން ގެންދަނީ ތެލެސީމިޔާ ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށެވެ. މި ވެކްސިން ދިނުމުގައި އަމަލީ ގޮތުން ބައިވެރިވަނީ ހުޅުމާލޭ ހޮސްޕިޓަލްގެ ނަރުހުންނާއި ޑޮކްޓަރުންނެވެ.
ތެލެސީމިޔާ ކުދިންނާއި ޚާއްޞައެހީއަށް ބޭނުންވާ ކުދިންނަށް ބޭނުންވާ ވަރަށް ވެކްސިން އެބަހުރި ކަމަށާއި، ގޭގައި ތިބި ބަލިމީހުންނަށް އެ ގެތަކަށް ގޮސް ވެކްސިން ދިނުމުގެ އިންތިޒާމްވެސް ވަރަށް އަވަހަށް ހަމަޖައްސަވާނެކަމުގައި އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލް ވިދާޅުވިއެވެ. އަދި މިވެކްސިން ދެއްވަމުން ގެންދަވަނީ ހިލޭކަމުގައިވެސް މުޖްތަބާ ވިދާޅުވިއެވެ.
މީގެ އިތުރުން މުޖްތަބާ ވިދާޅުވީ ވެކްސިނަކީ އަބަދުވެސް ގެނެވޭ ގޮތަށް އޮންނަ އެއްޗެއްވީމަ މިހާރުވެސް ގެންނަމުންދާ ކަމަށެވެ. ރައްޔިތުންނަށް ބޭނުންވާ ވަރަށް ސްޓޮކް ހުންނާނެ ކަމަށާއި މި ސްޓޮކް ނެތިގެން ވެކްސިން ނުޖެހިގެން އުޅެން ނުޖެހޭނެ ކަމުގައިވެސްމުޖްތަބާ ވިދާޅުވިއެވެ.
މެޑަމް ކުރިއަށްގެންދަވާ މި ޕްރޮގްރާމްގެ ދަށުން ވެކްސިން ޖެހުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ބިލަބޮންގ އިންޓަރނޭޝަނަލް ހައި ސްކޫލްގައެވެ. އަދި އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެދުވަހަކު މެންދުރުފަހު ދެއަކުން އިރުއޮއްސި ހައެއް ޖެހުމާއި ހަމައަށް ވެކްސިން ދިނުން އޮންނާނެކަމަށް އެންސްޕާއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް