އިނގިރޭސި ބަހާ ހެދި ދިވެހި ބަސް އުވިގެން ހިނގައިދާނެކަމުގެ ކަންބޮޑުވުން އެބައޮތް: ޔުމްނާ

މިހާރުގެ ކުޑަކުދިންނާއި ޒުވާނުން ވިސްނައި، ވާހަކަ ދައްކަން ބޭނުން ކުރަނީ އިނގިރޭސި ބަހަށް ވުމުން ދިވެހިބަސް އުވިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވ...

21 Feb 2020 | 15:51

މިހާރުގެ ކުޑަކުދިންނާއި ޒުވާނުން ވިސްނައި، ވާހަކަ ދައްކަން ބޭނުން ކުރަނީ އިނގިރޭސި ބަހަށް ވުމުން ދިވެހިބަސް އުވިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަ ކުރަމުންދާ މާދަރީ ބަހުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ޔުމްނާ ވިދާޅުވީ ވާހަކަދައްކައި ވިސްނުން އިނގިރޭސި ބަހުން ގެންގުޅުމަކީ ކަނބޮޑުވާ މައްސަލައެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ދިވެހިބަސް ރައްކާތެރި ކުރެވޭނީ ބަހާ މެދު ދިވެހިން ދެކޭގޮތް ބަދަލު ކޮށް، ބަހަށް އިޖާބަދޭގޮތް ބަދަލުކޮށްގެން ކަމަށެވެ.

އެގޮތުން މައިންބަފައިން ފަރުވާތެރިކަމާއެކު ދަރީންނަށް ދިވެހިބަސް ދަސްކޮށްދީ، ދިވެހި ބަހަށް އަހުލުވެރި ކުރުވުމަށް ގޭތެރެއިން ފެށިގެން މަސައްކަތްތަކެއް ކޮށްދެވިގެން ކަމަށެވެ. އަދި ޅަފަތުގެ ތައުލީމުގައި ދިވެހިބަސް އުނގަންނައި ދިނުމުގެ ދައުރު ފުޅާކޮށްގެން ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރުގެ މުޖުތަމަޢުގައި ދިވެހި ބަހަށް ހާއްސަ މަގާމު ކަށަވަރުކޮށްދޭން ޖެހޭ ކަމަށެވެ.

"މިއަދު ގިނަ ކުޑަކުދީންނާއި ޒުވާނުން ވިސްނަނީ އިނގިރޭސި ބަހުން. ވާހަކަދައްކަނީ އިނގިރޭސިބަހުން. މިއީ ކަންބޮޑުވާން ޖެހޭ މައްސަލައެއް. މިއީ ބަސް އުވިގެން ދާން މެދުވެރިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް. މިހެންވުމުން ދިވެހިބަސް ރައްކާތެރި ކުރެވޭނީ ބަހާ މެދު އަޅުގަނޑުމެން ދެކޭގޮތް ބަދަލު ކޮށްގެން. ބަހަށް އަޅުގަނޑުމެން އިޖާބަދޭގޮތް ބަދަލުކޮށްގެން،" މިނިސްޓަރު ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ ދިވެހި ބަހަކީ މުއްސަނދި ބަހުރުވަތަކެއް ލިބިފައިވާ ބަހެއް ކަމަށެވެ. ދިވެހިން ބޭނުން ކުރާ ބަހުރުވަތަކަކީ އެ އަތޮޅެއްގެ ނުވަތަ އެ ރަށެއްގެ ހާއްސަ ސަގާފަތާއި ދިރިއުޅުން ދައްކައިދޭ މުހިންމު މާނަވީ ތަރިކައެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި ބަހުރުވަތައް ދިރުވަން އެންމެން ގުޅިގެން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެއީ ބަހަކީ އެބައެއްގެ ތަރީހާއި ސަގާފަތާއި ތަރިކައާއި އާދަކާދައާ ގުޅުވައިދޭ އެއްޗަކަށް ވާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް