އެކި ކަންކަމަށް ވަކި ރިޔާސީ ކޮމިޝަންތައް ހެދުމަކީ އިސްރާފެއް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ރޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް ރިޔާސީ ކޮމިޝަނެއް އުފެއްދުމާއި ގުޅިގެންނެވެ. ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަނަށް ފަސް ބޭފުޅުން ހައްޔަން ކުރައްވާފައިވާއިރު އޭގެ ތެރޭގައި އޮސްޓްރޭލިއާގެ ތަޖުރިބާކާރެއްވެސް ހިމެނެ އެވެ.
މިކަމާ ގުޅިގެން އާދަމް ޝަރީފު ވިދާޅުވީ އަނެއްކާވެސް ރިޔާސީ ކޮމިޝަނެއް އުފެއްދުމަކީ ނަތީޖާ އާއި ހަރަދަށް ބަލާނަމަ ބޭކާރު ކަމެއް އަދި ބޮޑު އިސްރާފެއް ކަމަށެވެ.
އޭނާގެ ޓުވީޓުގައި ވަނީ ރައީސް އުފެއްދެވި މަރު ކޮމިޝަނަން ފަދަ ތަންތަނާއި މިނިސްޓްރީތައް ކޮބައިތޯ ސުވާލު ކުރައްވާފަ އެވެ. އަދި ކޮންމެ ކަމަކަށް ކޮމިޝަންތައް އުފެއްދުމުގެ ސަބަބުން ގާނޫނީ ޒިންމާ ނުނަގާ މިނިސްޓްރީތައް ދަނީ ފެއިލް ވުމުން ކަމަށް އާދަމް ޝަރީފު ވިދާޅުވެފައިވެ އެވެ.
https://twitter.com/Adamshareefz/status/1230548279017889794
ރައީސް އޮފީހުން ބުނީ މި ކޮމިޝަނަކީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ. މި ކޮމިޝަން އުފެއްދީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ، ކަށަވަރުކޮށްދިނުމާއި، އަވަސް، ނިޒާމީ އަދި ހަރުދަނާ މަސައްކަތްތަކެއް ކުރުމަށެވެ.
ރައީސް އޮފީހުން ބުނީ ރިޔާސީ ކޮމިޝަނުން، ކުޑަކުދީންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ދިރާސާކޮށް، އެ ހޯދުންތަކުން ވަޒަންކުރެވޭ ކަންކަމާއިމެދު ކަމާއިބެހޭ މުއައްސަސާތަކުން އަޅާންޖެހޭ ފިޔަވަޅުތައް ބަޔާންކޮށް، ރިޕޯޓެއް ތައްޔާރުކޮށް، ރައީސަށް ހުށަހަޅާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް