ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފައްދައިފި

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ބެލުމަށް ފަސް މެންބަރުން ހިމެނޭގޮތަށް ރިޔާސީ ކޮމިޝަނެއް އުފައްދަވައިފި އެވެ. ރައީސް އޮފީހުން ބުނީ މި ކޮމިޝަނަކީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން އެމަނ...

20 Feb 2020 | 19:11

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ބެލުމަށް ފަސް މެންބަރުން ހިމެނޭގޮތަށް ރިޔާސީ ކޮމިޝަނެއް އުފައްދަވައިފި އެވެ.

ރައީސް އޮފީހުން ބުނީ މި ކޮމިޝަނަކީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ. މި ކޮމިޝަން އުފެއްދީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ، ކަށަވަރުކޮށްދިނުމާއި، އަވަސް، ނިޒާމީ އަދި ހަރުދަނާ މަސައްކަތްތަކެއް ކުރުމަށެވެ.

ރައީސް ވަނީ މި ކޮމިޝަން އުފެއްދެވުމުގެ އިތުރުން ކޮމިޝަނަށް ފަސް މެންބަރުން އައްޔަން ކުރައްވާފަ އެވެ. އެއީ

ޑރ އާފިޔާ އަލީ، ވާރުގެ، ސ. ހުޅުދޫ.

ޑރ އަބްދުލް މަލިކް، މއ. ކޮށީގެ،

އަލްއުސްތާޒް އަބްދުﷲ ރާބިއު، ގަލްގާސްގެ، ކ. ދިއްފުށި،

އަލްއުސްތާޒާ މާޒިޔާ އަބްދުއްސައްތާރު، ގ. ސާޔާ

ނިކޮލަސް ރިޗާޑް ޗައުދަރީ، އޮސްޓްރޭލިއާ

މީގެ ތެރެއިން ކޮމިޝަންގެ ރައީސް އަކަށް އައްޔަން ކުރައްވާފައިވަނީ އާފިޔާ އަލީ އެވެ. ރައީސް އޮފީހުން ބުނީ ކޮމިޝަންގައި ހިމެނިވަޑައިގެންނަވާ ރިޗަރޑް ކައުދަރީއަކީ އިންސާނީ ހައްގުތަކާއި ޝަރުއީ ދާއިރާގެ މާހިރެކެވެ. އެގޮތުން ގުޅުން ހުރި ތަފާތު ތަންތަނުގައި މަސައްކަތް ކޮށްފައިވާއިރު މިހާރު އޭނާ އަކީ އޮސްޓްރޭލިއާގެ ލޯ ކައުންސިލުގެ އިންސާނީ ހައްގުތަކާއިބެހޭ މުޝީރެވެ.

ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތަކީ، ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅޭ މައްސަލަތަކުގައި، ދައުލަތުގެ އިދާރާތަކާއި ދައުލަތުގެ ފަރާތުން އެކަމާއި މަތިކޮށްފައިވާ އެންމެހައި ފަރާތްތަކުން އަމަލުކޮށްފައިވާ ގޮތާއި މިހާރުގެ ހާލަތު ދެނެގަތުމެވެ. އަދި ކުޑަ ކުދިންނަށް ގޯނާކޮށް، އިހުމާލުވާ ފަރާތްތަކާއި އެ ކުދީންގެ ކިބައިން ނާޖާއިޒު ފައިދާ ހޯދާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމެވެ.

ރައީސް އޮފީހުން ބުނީ ރިޔާސީ ކޮމިޝަނުން، ކުޑަކުދީންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ދިރާސާކޮށް، އެ ހޯދުންތަކުން ވަޒަންކުރެވޭ ކަންކަމާއިމެދު ކަމާއިބެހޭ މުއައްސަސާތަކުން އަޅާންޖެހޭ ފިޔަވަޅުތައް ބަޔާންކޮށް، ރިޕޯޓެއް ތައްޔާރުކޮށް، ރައީސަށް ހުށަހަޅާނެ ކަމަށެވެ.

ކުޑަކުދިންނަށ ްކުރާ އަނިޔާގެ މައްސަލަތައް ބެލުމަށް މިއަދު ރިޔާސީ ކޮމިޝަނެއް އުފައްދަވާފައިވާއިރު ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް މިއަދު ވަނީ އަމަލުކުރަން ފަށައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް