ޓެބްލެޓް މެދުވެރިކޮށް ކިޔަވަދޭން ފެށޭނެ، މިއީ މިކަން ކުރާ ފުރަތަމަ ގައުމު: ރިޔާސީ ބަޔާން

މި އަހަރުގެ ދެވަނަ ޓާމް ފެށެން ވާއިރަށް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވައިފައި ގާއިމް ކުރެވި ޓެބްލެޓާއި ލެޕްޓޮޕް މެދުވެރިކޮށް ކިޔަވައިދޭން ފެށޭނެ ކަމަށާއި މިއީ މިކަން މިގޮތަށް ކުރާ ފުރަތަމަ ގައުމު ކަމު...

21 Feb 2018 | 16:59

މި އަހަރުގެ ދެވަނަ ޓާމް ފެށެން ވާއިރަށް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވައިފައި ގާއިމް ކުރެވި ޓެބްލެޓާއި ލެޕްޓޮޕް މެދުވެރިކޮށް ކިޔަވައިދޭން ފެށޭނެ ކަމަށާއި މިއީ މިކަން މިގޮތަށް ކުރާ ފުރަތަމަ ގައުމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މަޖިލިސް މި އަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

"މިއަހަރުގެ ދެވަނަ ޓާމުން ފެށިގެން ރާއްޖޭގެ ހުރިހާ ސުކޫލެއް ވައިފައި ކުރެވި، ކޮމްޕިއުޓަރައިޒް ކުރެވޭނެ ވާހަކަ ދަންނަވަން. މިއީ މި ހިދުމަތް ގައުމެއްގައި ދެވޭނެ ފުރަތަމަ ފަހަރު" ރައީސް ވިދާޅުވި އެވެ.

ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެ ހޯދާފައިވާ ކާމިޔާބީތަކާއި މި އަހަރުތެރޭގައި ކުރިއަށްގެންދާނެ ގިނަ ކަންކަމުގެ މައްޗަށް ރައީސްގެ ރައީސްގެ ރިޔާސީ ބަޔާނުގައި އަލިއަޅުވާލެއްވި އެވެ.

އެގޮތުން މި އަހަރުގެ ތެރޭގައި ހޯރަފުށީގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ފެށިގެން ދާނު ކަމުގައި ފާހަގަ ކުރެއްވި އެވެ. ދަނޑުވެރިންނަށް ހަ މިލިޔަން ރުފިޔާގެ ލޯނު ދޫކުރުމަށް ތައްޔާރުވަމުން އަންނަ ކަމުގައި ވިދާޅުވި އެވެ. އައްޑު އަތޮޅުގައި ގާއިމް ކުރެވޭ ޓާޝިއަރީ ހޮސްޕިޓަލުގެ ހިދުމަތް މިއަހަރުގެ މެދެއްހާ ހިސާބުގައި ފެށޭނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

76،0000 ވުރެ ގިނަ ވަޒީފާ މި ސަރުކާރުން ވަނީ ވޭތުވެދިޔަ ހަތަރު އަހަރު ތެރޭގައި އުފައްދާފައި ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި ސަރުކާރުގެ ބަޖެޓުން ހަަރަދުކޮށް ފަސްފަޅެއް ހިއްކައި މިއަހަރު ޓުއަރިޒަމަށް ދޫކުރުމަށް ވަނީ ހަމަޖެހިފައި، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އެފަޅުތަކުގެ މަސައްކަތް ނިމޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރައީސްގެ ރިޔާސީ ބަޔާން ނިންމަވާލެއްވީ ގައުމުގައި އަމަން އަމާން ކަމާއި ސުލްހަ މަސަލަސްކަން ލެއްވުމަށްއެދި ދުއާ ކުރައްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް