ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން، އދ އިން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ރެސިޑެންޓް ކޯޑިނޭޓަރު ޝޮކޮ ނޮޑާ އާއި ބައްދަލު ކުރައްވައި ކަންބޮޑުވުންތައް ހިއްސާ ކުރައްވައިފި އެވެ.
އެކަމާއި ގުޅިގެން ދުންޔާ މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ މަސްރަހު ހަމައަކަށް އެޅުވުމުގައި އދ ގެ އެއްބާރުލުން ލިބިގެންދާނެ ކަމުގައި ގަބޫލުފުޅު ކުރައްވާ ކަމަށާއި ގައުމުގެ ކުރިއެރުމަށް އދ އިން ދެމުން އަންނަ އެއްބާރުލުން ބަލައިގަންނަ ކަމަށެވެ.
"ބައްޕާފުޅާއި އެހެން ހައްޔަރީންނާއި ގުޅުން ހުރި ކަންބޮޑުވުންތައް ޝޮކޮ ނޮޑާ އާއި ހިއްސާ ކުރެވުނީތީ އުފާކުރަން" ދުންޔާގެ ޓްވީޓްގައި ވެ އެވެ.
ރައީސް މައުމޫން އާއި ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން އަދި ރައީސް މައުމޫންގެ ދަނބިދަރިކަލުން ނަދީމް ވަނީ ފުލުހުން ހައްޔަރު ކޮށްފައިވާއިރު ދުންޔާ މައުމޫން އަދިވެސް ހުންނެވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި އެވެ. ދާދިފަހުން ޗުއްޓީއެއް ނަންގަވާފައިވާއިރު ދާދި ފަހަކާއި ޖެހެންދެން ރާއްޖޭގެ ސިޔާސީ މަސްރަހުގައި ދުންޔާ މައުމޫން ހުންނެވީ މަޑުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް